ތ. އަތޮޅުގެ ދެ ރަށެއްގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ހިދުމަތް ރަސްމީކޮށް ފަށައިފި އެވެ.
މި ހިދުމަތް ފަށާފައިވަނީ ތ. އަތޮޅު ގުރައިދޫއާއި ތިމަރަފުށީގަ އެވެ.
މިކަމާ ގުޅިގެން ޑިޕާޓްމެންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު)އިން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ، ގުރައިދޫއާއި ތިމަރަފުށީގައި މި ހިދުމަތް ފެށިގެން ދިއުމާއެކު މި ދެ ރަށުގެ ރައްޔިތުންނަށް ރަށުގައި ތިބެގެން އައިޑީ ކާޑު ހެއްދުމުގެ މަގު ފަހިވެގެންދާނެ ކަމަށެވެ. އެއާއެކު އައިޑީ ކާޑުގެ ހިދުމަތް އަވަސްވެ، ހަރުދަނާވެގެންދާނެ ކަމަށްވެސް ޑީއެންއާރުން ވަނީ ބުނެފަ އެވެ.
މީގެ ކުރިން އައިޑީ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ހިދުމަތް އެ އަތޮޅުގެ ދެ ރަށެއްގައި ގާއިމުކޮށްފައިވެ އެވެ. އެއީ ތ. އަތޮޅު ވޭމަންޑޫ އަދި ވިލުފުށީގަ އެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ އަތޮޅަކުން ނުވަތަ އަތޮޅުވެރިކަން ކުރާ ރަށަކުން އައިޑީ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ހިދުމަތް ފޯރުކޮށްދިނުމަކީ ސަރުކާރުން ވަރަށް އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދާ މަސައްކަތެކެވެ.
ސަރުކާރުގެ މި ސިޔާސަތުގެ ދަށުން ދިވެހިރާއްޖޭގެ ހުރިހާ އަތޮޅެއްގައި އައިޑީ ކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ހިދުމަތް ސެޕްޓެމްބަރު މަހުގެ ތެރޭގައި ވަނީ އެއްކޮށް ނިންމަވާލައްވައިފަ އެވެ.
މީގެ އިތުރުން ދިވެހީން އާންމުކޮށް ގޮސް އުޅޭ ގައުމުތަކުގައިވެސް މި ހިދުމަތް ފެށުމަށް ސަރުކާރުންދަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން ސްރީލަންކާ، އިންޑިއާ އަދި އިނގިރޭސިވިލާތުގައި މި ހިދުމަތް ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ.






