މިދިޔަ މަހުން ފެށިގެން ސަރުކާރު “ޝަޓްޑައުން”ވެފައިވާ އެމެރިކާގެ އެތައް އެއާޕޯޓެއްގެ ދަތުރުތައް ހުއްޓިއްޖެއެވެ. ޚަބަރު ލިބޭ ގޮތުގައި މި ހުކުރު ދުވަހު އެމެރިކާގެ އެކި ހިސާބުތަކުގައި އެތައް ހާސް ބަޔަކަށް ވައިގެ ދަތުރު ނުކުރެވި، ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާއިރު، އޭގެތެރޭގައި ނިއުޔޯކް ސިޓީ އާއި، އެޓްލާންޓާ، ލޮސް އެންޖެލިސް، އަދި ޗިކާގޯ ފަދަ ބޮޑެތި 40 އެއާޕޯޓެއް ހިމެނެއެވެ.
މި މައްސަލަ މިއަދު މިހާ ބޮޑުވީ، މިދިޔަ މަހުން ފެށިގެން އެމެރިކާގެ ކޮންގްރެސްގައި ތިބި ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނަށް ފެޑެރަލް އިދާރާތަކަށް ފައިސާ ދޭނެ ގޮތަކާ މެދު ސިޔާސީ ޕާޓީތަކުން އެއްބަސްވުމަކާއި ހަމަޔަށް ނާދެވިގެންނެވެ. މިއާއި އެކު ބަޖެޓް ފާސްކުރުމަށް ވަނީ ހުރަސްއެޅިފައެވެ. ނަތީޖާ އަކީ ފެޑެރަލް ފަންޑު ނުލިބުމުން އެމެރިކާ ސަރުކާރުގެ ގިނަ ޑިޕާޓްމަންޓްތައް ހިންގަނާނެ ފައިސާ ހުސްވެ، ފައިސާތައް ތާށިވީއެވެ.
ނަތީޖާއެއްގެ ގޮތުން އެއާ ޓްރެފިކް ކޮންޓްރޯލަރުންނާއި ލައްކައެއްހާ ފެޑެރަލް މުވައްޒަފުން މިހާރު މަސައްކަތް ކުރަނީ މުސާރަ ނުލިބިއެވެ.
މިއަދު އެމެރިކާގެ އެއާލައިންތަކަށް މުވައްޒަފުންގެ ތާށިކަން ކުރިމަތިވެފައި ވާތީވެ ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަނުން ވަނީ އެތެރޭގެ އުދުހުންތައް މަދުކުރަން އަންގާފައެވެ. މި ހުކުރު ދުވަހު އެކަނިވެސް 800 ފުލައިޓް ކެންސަލްކުރިއިރު އަންނަ ހަފްތާގައި ދުވާލަކު 2000 އެއްހާ ފުލައިޓް ކެންސަލް ވާނެ ކަމަށް ޚަބަރުތައް ބުނެއެވެ.









