ބަންޑުން ޖަހާލި ކޮޅުވެއްޓީގެ ކެޕްޓަން އަތުގައި ލައިސަންސް ނެތް

މުހައްމަދު ޖަމްޝަތު | 24 ދުވަސް ކުރިން - 6 ނޮވެންބަރު 2025 18:50
ބަންޑުން ޖަހާލި ކޮޅުވެެއްޓި. މިހާދިސާގައި 2 މީހަކު މަރުވި
ބަންޑުން ޖަހާލި ކޮޅުވެެއްޓި. މިހާދިސާގައި 2 މީހަކު މަރުވި
ޚުލާސާ

އެމްޕީއެލް އިން ބުނީ ކޮޅުވެއްޓި ބަންޑުން ޖަހާލީ ކެޕްޓަން އެދިގެން އެކްސްކަވޭޓަރެއް އެއްފަރާތަކަށް ޖެއްސުމުން ކަމަށް

މާލޭ ވިޔަފާރި ބަނދަރުގައި އޮތް އާގުބޯޓަކުން ބޭލި ދެ އެކްސްކަވޭޓަރެއް އެރުވި ކޮޅުވެއްޓިއެއް ބަންޑުންޖަހާލައި ދެމީހަކު މަރުވި ހާދިސާ ހިނގިއިރު އެ އުޅަނދުގެ ކެޕްޓަނަކަށް ހުރީ އެފަދަ އުޅަނދު ދުއްވުމުގެ ލައިސަންސް ނެތް މީހެއް ކަމަށް އެމްޕީއެލް އިން ބުނެފި އެވެ. 

އެމްޕީއެލް ސަރަހައްދުގެ ބޭރުގައި އޮތް "އެމްވީ ސެލެސްޓިއާ" ބަންޑުން ޖަހާލީ މިމަހުގެ 2 ވަނަ ދުވަހުއެވެ. އެ ލޭންޑިން ކްރާފްޓްބަންޑުން ޖަހާލީ އެއަށް ދެ އެކްސްކަވޭޓަރު ބަރުކުރުމުގެ ތެރޭގައެވެ. މި ހާދިސާގައި އެމްޕީއެލްގެ ދެ މުވައްޒަފަކު ނިޔާވި އެވެ.

މި ހާދިސާއާ ގުޅިގެން އެމްޕީއެލްއިން ހިންގި އެތެރޭގެ ތަހުގީގުގެ އިބްތިދާއީ ހޯދުންތައް މިހާރު ވަނީ އާންމުކޮށްފަ އެވެ.

އެމްޕީއެލް އިން ހޯދުންތަކުން ފާހަގަވި ކަންތައްތައް:

  1. މި އޮޕަރޭޝަންގައި ދެ އެކްސްކެވޭޓަރު އެރުވުމަށް މުދާ އެތެރެކުރި ފަރާތް ހަމަޖެއްސި ލޭންޑިން ކްރާފްޓް ދުއްވަންހުރި ކެޕްޓަނަކީ މިފަދަ އުޅަނދަކަށް މުދާ ބަރުކުރުމަށް އިރުޝާދު ދިނުމުގެ ގާބިލުކަން ލިބިފައިވާ ފަރާތެއް ނޫންކަން.
  2. ލޭންޑިން ކްރާފްޓްގެ ކެޕްޓަންގެ އަތުގައި މިފަދަ އުޅަނދެއް ދުއްވުމުގެ ލައިސަންސް އަދި ނިޔަމިކަމުގެ ސެޓްފިކެޓް ނެތްކަން.
  3. ލޭންޑިންގ ކްރާފްޓްގެ ސަލާމަތާއި އެހެނިހެން ކަންތައްތައް ގަވާއިދަށް ފެތުނު ނަމަވެސް، މުދާ ބަރު ކުރާ ޑެކްގައި ލަކުޑި އަޅާފައިނުވުމާއި، ދަގަނޑު ޑެކެއް އޮތުމުން މިފަދަ ތަކެތި ބަރުކުރުމާއި އެ މުދާ ބަރުކޮށްގެން ދަތުރުކުރާއިރު، ކަހާލުމުގެ ފުރުސަތު އޮތްކަން. އަދި އެއީ ލޭންޑިންގ ކްރާފްޓްގެ ސްޓެބިލިޓީ ގެއްލިދާނެ ކަމެއްކަން.

އެމްޕީއެލްއިން ހާމަކުރިގޮތުގައި އުޅަނދެއްގައި މުދާ ބެހެއްޓުމުގައި އެ އުޅަނދުގެ ސްޓެބިލިޓީ ކަށަވަރުކުރުމުގެ ޒިންމާ ހެދިފައި ހުރި ގަވާއިދުތަކުގެ ތެރެއިން، ކަށަވަރުކޮށްދޭންޖެހޭ ފަރާތަކީ އުޅަނދުގެ ކެޕްޓަނެވެ. އަދި ކެޕްޓަން ދީފައިވާ އިރުޝާދާ އެއްގޮތްވާ ގޮތުގެ މަތިން ދެ އެކްސްކެވޭޓަރު ލޭންޑިން ކްރާފްޓްގައި ބެހެއްޓުމަށްފަހު، ލޭންޑިން ކްރާފްޓްގެ ކެޕްޓަންގެ ހުއްދައާއެކު މަސައްކަތް ނިންމާލައި، އެކަމަށް ބޭނުންކުރި އާލާތްތައް ކާގޯ ބޯޓަށް ނެގިކަމަށް އެމްޕީއެލްއިން ބުންޏެވެ. ނަމަވެސް މަސައްކަތް ނިންމާލި ފަހުން، އަނެއްކާވެސް ލޭންޑިން ކްރާފްޓްގެ ކެޕްޓަންގެ އެދުމުގެ މަތިން ލޭންޑިން ކްރާފްޓްގެ ކުރީކޮޅުގައި ހުރި އެކްސްކަވޭޓަރު ޕޯޓް ފަރާތަށް ޖެއްސުމާ ގުޅިގެން، އުޅަނދުގެ ސްޓެބިލިޓީ ގެއްލުމަކީ ލޭންޑިން ކްރާފްޓް ބަންޑުން ޖެހުމަށް މެދުވެރިވި ސަބަބުކަމަށް އެމްޕީއެލްއިން ވަނީ ބުނެފަ އެވެ.

ކޮލޫވެއްޓި ބަންޑުން ޖަހާލި ވަގުތު އެ އުޅަނދުގައި ތިބި އެމްޕީއެލްގެ 10 މުވައްޒަފުން މޫދަށް ވެއްޓި، އެކި ވަރުގެ އަނިޔާތައް ލިބިފައިވެއެވެ. އެމްޕީއެލްއިން ބުނީ އެ ކުންފުނީގެ މުވައްޒަފުން އެ އުޅަނދުގައި އެވަގުތު ތިބީ މަސައްކަތް ނިންމާލުމަށްފަހު، މުވައްޒަފުން އަނބުރާ މާލޭ ވިޔަފާރި ބަނދަރަށް އައުމަށް އަރަންޖެހޭ ޓަގު ބޯޓަށް އެރެން އޮތީ ލޭންޑިން ކްރާފްޓް ގިރާކޮށްފައި ކަމުގައިވާތީ ކަމަށެވެ.

އެމްޕީއެލް އިތުރަށް ބުނެފައިވާ ގޮތުޮގައި ލޭންޑިން ކްރާފްޓަށް ދެ އެކްސްކެވޭޓަރު ބޭލުމުގެ އޮޕަރޭޝަންތައް ފުރިހަމަކޮށްފައިވަނީ މިފަދަ އޮޕަރޭޝަންތަކުގައި މި ވަގުތު އަމަލުކުރަމުންދާ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ކަމަށާއި މިފަދަ ޑައިރެކްޓް ޑެލިވަރީ އޮޕަރޭޝަންތަކުގައި މުދާ ގެންނަ ފަރާތުން މުދާ ބަރުކުރުމަށް ފޮނުވާ އުޅަނދުތަކުގެ ކެޕްޓަނާއި ފަޅުވެރިންގެ ފެންވަރު ވަޒަންކުރުމާއި ލައިސަންސް ޗެކްކުރުން ފަދަ ކަންތައްތައް ގަވާއިދާއި އުސޫލުގެ ތެރެއިން އެމްޕީއެލްއިން ކަށަވަރުކުރަން ނުޖެހޭނެ އެވެ.

ނަމަވެސް ކުންފުނީގެ އެތެރޭގެ ތަހުގީގަށް ރިޔާއަތްކޮށް، އަޅަންޖެހޭ ފިޔަވަޅުތައް މިހާރު އަޅަމުންދާ ކަމަށާއި އެގޮތުން ޑައިރެކްޓް ޑެލިވަރީ އޮޕަރޭޝަންތަކުގައި މިހާރު އަމަލުކުރަމުންދާ ޢުސޫލުތައް މުރާޖައާކޮށް، ހަރުދަނާކުރުމާއި ސަލާމަތާއި ރައްކާތެރިކަމަށް ސަމާލުކަން ދިނުމަށް މުވައްޒަފުން އިތުރަށް އަހުލުވެރިކުރުމަށް މަސައްކަތްތައްކުރާނެކަމަށް އެމްޕީއެލްއިން ބުންޏެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%