ރިޔާސީ އިންތިހާބުގައި ރައީސް ޑރ. މުއިއްޒު ވެވަޑައިގެންނެވި ވައުދުފުޅުތައް ފުއްދެވުމުގައި ކުރައްވަމުން ގެންދަވަނީ ބުރަ އަދި އިހުލާސްތެރި މަސައްކަތްޕުޅެއް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ސައީދު މި މޭރުމުން ވިދާޅުވީ އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގަ އެވެ. ރައީސް ޑރ. މުއިއްޒު، ގައުމުގެ ހުރިހާ ކަމެއް ހަމައަކަށް އަޅުއްވައި، މަޝްރޫއުތައް ފައްޓަވައި އަދި ދަރަނި އަދާކުރަމުން ގެންދަވާ ކަމުގައި މިނިސްޓަރު ސައީދު ކުރެއްވި ޕޯސްޓުގައި ވިދާޅުވި އެވެ.
"އޮޅުންބޮޅުން އަރުވާފައި އެމްޑީޕީއިން ދޫކޮއްފައިދިޔަ ބޮޑު ދަރަންޏާއި، ދަރުވާލި ކުންފުނިތަކާއި، ފައިސާ ޗާޕުކޮށް ނިކަމެތިކޮށް އަގުވައްޓާލި ރުފިޔާގެ ހާލަތުންވެސް އަރައިގަތުމަށް ގިނަ މަސައްކަތްތައް އެދަނީ ކުރެވެމުން،" --- މިނިސްޓަރު ސައީދު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓުގައި ވިދާޅުވި އެވެ.
މިނިސްޓަރު ސައީދު މި މޭރުމުން ވިދާޅުވެފައި މިވަނީ 123 ރަށެއްގައި 216 މަޝްރޫއެއް ކުރިއަށް ގެންދިއުމަށް އަމިއްލަ 53 ކުންފުންޏަކަށް ހަވާލުކޮށްފައި ވަނިކޮށެވެ. ކޮންޓްރެކްޓަރު ފައިނޭންސް އުސޫލުން ނުވަ ދާއިރާއަކާ ގުޅުންހުރި މި މަޝްރޫއުތައް ކުރިއަށް ގެންދިއުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިއަދު ބާސެލޯ ނަސަންދުރާގައި އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތުގަ އެވެ.






