މިއަދަކީ ސަރުކާރުން އަމިއްލަ ކުންފުނިތަކަށް އެންމެ ގިނަ މަޝްރޫއު ހަވާލުކުރި ދުވަސް ކަމަށް ރައީސްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް ޑރ. މުއިއްޒު މި މޭރުމުން ވިދާޅުވީ، އަމިއްލަ ކުންފުނިތަކަށް 206 މަޝްރޫއެއް ހަވާލުކުރުމަށް މިއަދު ބާސެލޯ ނަސަންދުރާގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. މިކަމުގެ ސަބަބުން ފައިސާގެ ލިބުމުގެ އެއްވެސް ތާށިކަމެއް ނާންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ކޮންޓްރެކްޓަރު ފައިނޭންސް އުސޫލުން މަޝްރޫއުތައް ކުރިއަށް ގެންދިއުމަށްޓަކައި ނުވަ ދާއިރާއެއްގެ އެއްބަސްވުންތަކުގައި ސޮއިކޮށްފައިވެ އެވެ. އެ ނުވަ ދާއިރާއަކީ:
- ތައުލީމީ ދާއިރާގެ ތެރެއިން ސްކޫލުތަކަށް ހާއްސަ 31 މަޝްރޫއު
- ސިއްހީ މަރުކަޒު ތަރައްގީކުރުމުގެ 30 މަޝްރޫއު
- ޕޮލިސް ސްޓޭޝަންތައް ތަރައްގީކުރުމުގެ 39 މަޝްރޫއު
- ތިމާވެށީގެ ދާއިރާގެ ތެރެއިން ވޭސްޓް މެނޭޖްމެންޓް ސެންޓަރުތައް އެޅުމަށް 24 މަޝްރޫއު
- މަސްވެރިކަމުގެ ދާއިރާގެ ދެ މަޝްރޫއު
- ކުޅިވަރުގެ ދާއިރާގެ 52 މަޝްރޫއު
- ބޯހިޔާވަހިކަމާއި އިންފްރާސްޓްރަކްޗާގެ 13 މަޝްރޫއު
- އިސްލާމީ ކަންކަމާ ގުޅުންހުރި 14 މަޝްރޫއު
- ޒުވާނުންނާ ގުޅޭ ދާއިރާއިން އެއް މަޝްރޫއު
މީގެ ކުރިން ސޮއިކުރެވުނު މަޝްރޫއުތަކާއެކު 216 މަޝްރޫއެއްގައި ސޮއިކުރެވި، 123 ރަށެއްގައި މަސައްކަތްތައް ކުންފުނިތަކާ ހަވާލު ކުރެވިގެން ގޮސްފައިވާ ކަަމަށް ރައީސް ވިދާޅުވި އެވެ. މި މަޝްރޫއުތަކުގެ މަސައްކަތްތައް ހަވާލުކޮށްފައި ވަނީ 53 ކުންފުންޏަކާ ކަމަށާއި މިކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދު ފުޅާވާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ، އެގްރީމެންޓް ކުރެވިފައިވާ ގޮތަށް ދާދި އަވަހަށް ހުރިހާ ކުންފުނިތަކުންވެސް މަޝްރޫއުތަކުގެ އަމަލީ މަސައްކަަތް ފަށައި، ބާރު ސްޕީޑުގައި މަސައްކަތްތައް ނިންމާލާނެ ކަމަށެވެ.









