ގެދޮރުވެރިޔާ ސްކީމް ފުލެޓުތަކަށް އަލުން ކުރިމަތިލުމަށް ހުޅުވާލިކަމަށް ބުނެ ސްކޭމް ލިންކުތަކެއް ދައުރުވާތީ އެކަމަށް ސަމާލުވުމަށް ފުލުހުންގެ، އެންޓި ސްކޭމް ސެންޓަރުން އިލްތިމާސްކޮށްފި އެވެ.
މިކަމާ ގުޅިގެން އެންޓި ސްކޭމް ސެންޓަރުން ފޭސްބުކުގައި ކުރި ޕޯސްޓެއްގައި ބުނީ ސްކޭމަރުން ސައްހަ ނޫން ބޯހިޔާވަހިކަމުގެ އިއުލާންތައް (ފޯމުތައް ބާތިލުކޮށްފައިވާކަމަށް ނުވަތަ އެޕްލިކޭޝަން އަލުން ހުށަހެޅުމަށް) ހުޅުވާލާފައިވާ ކަމަށް ބުނެ އެކި ފަރާތްތަކަށް ލިންކުތައް ފޮނުވައިގެން ޖީމެއިލް އެކްސެސް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެހެންކަމުން މިފަދަ ސްކޭމްތަކުން ސަލާމްތަވުމުގެ ގޮތުން އެ ލިންކުތަކަށް ނުފިތުމަށް އެންޓި ސްކޭމް ސެންޓަރުން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި ގެދޮރުވެރިޔާ ސްކީމް ފުލެޓާ ގުޅޭ ކަންކަމުގެ ރަސްމީ ވެބްސައިޓަކީ gedhoruverin.gov.mv ކަމަށްވެސް އެންޓި ސްކޭމް ސެންޓަރުން ވަނީ ބުނެފަ އެވެ.
މީގެ އިތުރުން ބޭންކުތަކުން އަދި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އޯޓީޕީ ހޯދުމަށް އެއްވެސް ފަރާތަކަށް ނުގުޅާނެކަމަށާއި، ސަލާމަތީ ފިޔަވަޅެއްގެ ގޮތުން ޖީމެއިލް އަދި ބޭންކިން އެޕްލިކޭޝަންތަކުގެ ޓޫ ފެކްޓާ އޮތެންޓިކޭޝަން އެކްޓިވޭޓް ކުރުމަށް އެންޓި ސްކޭމް ސެންޓަރުން ވަނީ އިލްތިމާސްކޮށްފަ އެވެ.









