މާލޭ ގެއެއްގެ ވައިގޮޅިއަށް ވެއްޓި ބިދޭސީއަކު މަރުވެއްޖެ އެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މިރޭ އިރުއޮއްސި 6:29 ހާއިރު މާފަންނު ގެއެއްގެ ހަވަނަ ފަންގިފިލާއިން މީހަކު ވެއްޓިގެން އުޅޭ ކަމަށް ރިޕޯޓުކުރި ކަމަށެވެ.
ވެއްޓިފައިވަނީ ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ ރޮއްޓާން (47އ) އެވެ.
ފުލުހުން ބުނީ އޭނާ ވެއްޓުނީ އެގޭގެ ސިޑިގޮޅިއަށް ކަމަށެވެ. އަދި އޭނާ އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާކަމަށް ބުންޏެވެ.
މި މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ. ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.
މިދިޔަ ހޮނިހިރު ދުވަހު ހިޔާ ފްލެޓެއްގެ 14 ވަނަ ފްލޯއިން ވެސް މީހަކު ވެއްޓި ވަނީ މަރުވެފަ އެވެ.









