މެދުއިރުމަތީގައި ހައްދުން ނައްޓާ ވަރަށް ހަލަބޮލިކަން އިތުވެފައިވާއިރު، ޣިރާޤައި ސީރިއާ އަދި ލުބުނާނުގެ އެކި ހިސާބުތަކުގައިތިބި އީރާނާއި ގުޅުން ހުރި މުޖާހިދުންނާއި ދެކޮޅަށް ބޮޑު އަސްކަރީ އޮޕަރޭޝަނެއް ނުވަތަ ހަނގުރާމައެއް ކުރުމަށް އެމެރިކާ އާއި އިސްރާއީލުން ތައްޔާރުވަމުންދާ ކަމަށް ޣިރާޤުން ބުނެފިއެވެ.
މި ހަނގުރާމަ ފެށޭކަން ޔަޤީންކޮށްދެއްވަމުން ޣިރާޤުގެ ޑިފެންސް މިނިސްޓަރު ޢައްބާސީ ވަނީ، އެމެރިކާގެ ހަނގުރާމަ އާއި ބެހޭ ޑިޕާޓްމަންޓުގެ ސެކްރެޓަރީ ހެގްސެތު ވަނީ މިކަމުގެ ތެރެއަށް ޣިރާޤުން ނުވަނުމަށް އިންޒާރު ދެއްވާފައިވާ ކަމަށް ވިދާޅުވެފައެވެ.
“ހެގްސެތު ދެއްވީ ފައިނަލް އިންޒާރެއް… ވިދާޅުވީ ޣިރާޤުގައި ތިބި ހަތިޔާރު އެޅި ޖަމާޢަތުން މި އޮޕަރޭޝަނުގައި އެމެރިކާ އާއި އިސްރާއީލުގެ ސިފައިންނާއި ކުރިމަތި ނުލުމަށް” ޣިރާޤުގެ ޑިފެންސް މިނިސްޓަރު ވިދާޅުވިއެވެ.
އެމެރިކާ އަށް މެދުއިރުމަތީގެ ކޮންޓްރޯލް ނުނެގިގެން އުޅެނީ އީރާނުގެ ސަބަބުންނެވެ. އީރާނުގެ ބާރުތައް އެމެރިކާގެ ޕަޕެޓް ސަރުކާރު އޮންނަ ޣިރާޤުގެ އެތެރޭގައި ވެސް އެބަ އޮތެވެ. އޭގެތެރޭގައި ކަތާއިބު ހިޒްބުالله ވެސް ހިމެނެއެވެ. ކަތާއިބު ހިޒްބުالله މެންބަރުން ބަޣްދާދުން ފެށިގެން ސީރިއާ އާއި ހަމަޔަށް ފޯރާފައި އެބައޮތެވެ. ހަމަ އެހެންމެ ބަޣްދާދުގައި ދެން ޙަރަކާތްތެރިވާ ޢަޞާޢިބު އަހުލުލްޙައްޤު ޖަމާޢަތަކީ ވެސް އީރާނުގެ ނުފޫޒު ހިނގާ މުޖާހިދުންގެ ޖަމާޢަތެކެވެ. އަދި ސީރިއާގައި ޙަރަކާތުލް ނުޖާބާ އަކީ ވެސް އީރާނުން މަދަދު ފޯރުކޮށްދޭ ހަތިޔާރު އެޅި ޖަމާޢަތެކެވެ.
އެހެންކަމުން ބެލެވޭ ގޮތުގައި ޓްރަމްޕާއި ނަތަންޔާހޫ ގުޅިގެން ހިންގާ މި ހަނގުރާމައިގައި ފޯކަސް ކުރަނީ ތެހެރާންގެ ސަރަޙައްދީ ނެޓްވޯކް ދުއްވާލުމަށެވެ. ލުބުނާނުގެ ދެކުނުގައި ތިބި ހިޒްބުالله ޖަމާޢަތާއި ދެކޮޅަށް ވެސް ހަތިޔާރު ނަގާނެ ކަމަށް ނަތަންޔާހޫގެ ސިފައިން ވަނީ ބުނެފައެވެ.
އެމެރިކާ އާއި އިސްރާއީލުން އީރާނުގެ މިލިޝިއާ ތަކާއި ކުރިމަތިލާއިރު އެ މީހުންގެ ސަލާމަތަށް މިކަމުގެ ތެރެއަށް ސީރިއާއިން ވަންނާނެ ކަމަކަށް ނުބެލެވެއެވެ. ސަބަބަކީ މި މަހުގެ 10 ވަނަ ދުވަހު ސީރިއާގެ ރައީސް އަލް-ޝަރާޢު ވޮޝިންޓަނަށް ވަޑައިގެން ޓްރަމްޕާއި ބައްދަލުކުރައްވާނެއެވެ. ބައެއް ރިޕޯޓުތަކުން ބުނާ ގޮތުގައި ސީރިއާގެ ސަރުކާރަކީ އެމެރިކާގެ ނުފޫޒު ހިނގާ ސަރުކާރެކެވެ.






