އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިސްނެގުމާއި އެކު ކުރިއަށް ގެންދިޔަ ޣައްޒާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާއި ޚިލާފަށް ފަލަސްޠީނުގެ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ޣައްޒާ އަށް ވައްދާ ކާބޯތަކެއްޗާއި އިންސާނީ އެހީތައް ޔަހޫދީ ޒައެނިސްޓުން ހުއްޓުވަން ފަށައިފިއެވެ. ޣައްޒާގެ މީޑިއާ އޮފީހުން ބުނާ ގޮތުގައި އޮކްޓޯބަރު 10 އާއި 31 އާ ދެމެދު ވަދެފައިވަނީ އެންމެ 3،203 ޓްރަކުގެ އެހީގެ ތަކެއްޗެވެ.
ޣައްޒާ އަށް ދުވާލަކު 600 ޓުރަކުގެ އެހީގެ ތަކެތި ބޭނުންވާއިރު ޔަހޫދީން ހުއްދަ ދެނީ އެވްރެޖުކޮށް ދުވާލަކު 145 ޓްރަކުގެ ތަކެތި އެތެރެކުރާށެވެ.
އެހީ ފޯރުކޮށްދިނުމަށް އޮތް މައިގަނޑު ހުރަހަކީ ބޯޑަރު ހުރަސްތައް ހުޅުވަން އިސްރާއީލުން ދެކޮޅު ހެދުމެވެ. މިހާރު ސަޕްލައިތައް ވަންނަނީ ހަމައެކަނި މިޞްރުގެ ކޮރިޑޯ މެދުވެރިކޮށެވެ.
ހަނގުރާމަ ހުއްޓައިލި ނަމަވެސް ޔަހޫދީންގެ ވައިގެ ޙަމަލާތައް ޚާން ޔޫނިސް އާއި ޖަބަލިއާ ރެފިއުޖީ ކޭމްޕަށް ސަނީ އަމާޒުކުރަމުންނެވެ. މިއަދުވެސް ރެފިއުޖީ ކޭމްޕަކަށް ޙަމަލާދީ އެކަކު ޝަހީދުކޮށްލާފައިވާއިރު، ހަނގުރާމަ ހުއްޓާކަން އެއްބަސްވި ފަހުން ފަލަސްޠީނުގެ 222 މީހުން ވަނީ ޝަހީދުކޮށްލާފައެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ޤަތުލުޢާންމު ފެށި ފަހުން 1 ލައްކަ މީހުން ޝަހީދުކޮށްލާފައިވާ ކަމަށް ޙަމާސް އިން ބުނެއެވެ. ނަމަވެސް އދ ގެ ހިސާބުތަކުން ދައްކަނީ ޝަހީދުވީ ގާތްގަނޑަކަށް 68 ހާހެއްހާ މީހުންނެވެ. އަދކ 158،000 މީހުން ޒަޚަމްވެފައިވާ ކަމަށެވެ.






