ރާއްޖެއާއި ސްރީލަންކާ ދެމެދު މުދާ އުފުލާ ފެރީގެ ހިދުމަތެއް ފެށުމަށް ދެ ގައުމުގެ ސަރުކާރުން މަޝްވަރާ ކުރަމުން އަންނަ ކަމަށް، ލަންކާގެ މީޑިއާއަކުން ރިޕޯޓްކޮށްފި އެވެ. އެ ރިޕޯޓުގައިވާ ގޮތުން މި މަޝްވަރާތައް ފަށާފައިވަނީ މިދިޔަ ޖުލައި މަހު ލަންކާގެ ރައީސް އަނަރު ކުމާރު ޑިސަނަޔަކަ ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގަ އެވެ.
ރާއްޖޭގައި ހުންނަ ލަންކާގެ ހައި ކޮމިޝަނުގެ އޮފިޝަލަކާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، މި މަޝްވަރާތަކުގެ މައިގަނޑު މަގްސަދަކީ ދެ ގައުމުގެ މެދުގައިވާ ވިޔަފާރި ގުޅުން އިތުރަށް ބަދަހިކޮށް، މުދާ އުފުލުމުގެ ހަރަދުތައް ކުޑަކޮށް، ލޮޖިސްޓިކްސްގެ ކަންކަން ހަރުދަނާކުރުމެވެ. މި ހިދުމަތް ގާއިމުކުރުމަށް ހަމަޖެހިފައިވަނީ ލަންކާގެ ކޮލަމްބޯ ބަނދަރާއި ރާއްޖޭގެ ބަނދަރުތަކާ ދެމެދުގައި ކަމަށްވެސް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.
ލަންކާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ފެރީގެ ހިދުމަތް ފަށައިފިނަމަ ރާއްޖެއަށް ލަންކާއިން މުދާ ގެނައުމުގެ ކަންކަން ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ އެވެ. ނަމަވެސް މިކަމުގައި ބައެއް ގޮންޖެހުންތަކެއް ހުރިކަންވެސް އެ ނޫހުން ފާހަގަކޮށްފައިވެ އެވެ. އެގޮތުން ރާއްޖެއާއި ލަންކާއާ ދެމެދު ކަނޑުމަގުން ކުރާ ދަތުރަށް ގާތްގަނޑަކަށް 30 ގަޑިއިރު ހޭދަވުމަކީ އެއް ގޮންޖެހުމެވެ. އަދި މިހާރުވެސް ލަންކާ މަގުން ރާއްޖެއަށް މުދާ ގެންނަ ބޮޑެތި ޝިޕިން ކުންފުނިތަކަށް ފެރީގެ ނިޒާމެއް ގާއިމްކުރުމަކީ ހުރަހެއް ކަމަށް ވެސް އެ ނޫހުން ބުނެއެވެ.
ފެރީގެ ނިޒާމެއް ގާއިމްކުރުމަކީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ހަރުދަނާ ވެގެންދާނެ ކަމެއް ކަމަށް ލަންކާއިން ދެކެ އެވެ. މި މަޝްވަރާތަކަށްފަހު، މިކަމާ ބެހޭ ގޮތުން ރަސްމީ އެއްބަސްވުމެއްގައި ވަރަށް އަވަހަށް ސޮއިކުރެވޭނެ ކަމަށް ލަންކާއިން އުއްމީދުކުރާއިރު، މި ހިދުމަތް ފެށުމާއެކު ދެ ގައުމުގެ އިގްތިސާދަށްވެސް ފައިދާތަކެއް ލިބި، ރައްޔިތުންނަށްވެސް އިގްތިސާދީ ގޮތުން ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.
މިފަދަ ހިދުމަތެއް ކުރިންވެސް ރާއްޖެއިން ވަނީ ގާއިމުކޮށްފަ އެވެ. ކުރީގެ ސަރުކާރުން 2020 ވަނަ އަހަރު ރާއްޖެއާއި އިންޑިއާގެ ކޮޗިންއާ ދެމެދު ވެސް މުދާ އުފުލުމަށް ފެރީގެ ނިޒާމެއް ފެށިއެވެ. ނަމަވެސް، އެ ހިދުމަތް 2022 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން އޮތީ ހުއްޓިފަ އެވެ.






