2007 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ އެކަކުން ފެށިގެން އުފަންވެފައިވާ ހުރިހާ ކުދިންނަށް ދުންފަތުގެ ޖެނެރޭޝަނަލް ބޭން މިއަދުން ފެށިގެން ތަންފީޒުކުރަން ފަށައިފި އެވެ.
މިކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއަދުން ފެށިގެން ތިން ކަމެއް ތަންފީޒުކުރަން ފެށިފައިވާ ކަމަށެވެ. އޭގެ ތެރޭގައި، 2007 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ އެކަކުން ފެށިގެން އުފަންވެފައިވާ އަދި އުފަންވާނޭ ހުރިހާ ދިވެހި ރައްޔިތުންނަށް ދުންފަތުގެ ޖެނެރޭޝަނަލް ބޭން ތަންފީޒުކުރުން ހިމެނެ އެވެ.
ޖެނެރޭޝަނަލް ބޭން އާއިއެކު 2007 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އުފަންވެފައިވާ އަދި އުފަންވާނޭ ކުދިން ދުންފަތުގެ ބާވަތްތައް ގަތުމާއި، ވިއްކުމާއި، ދުންފަތުގެ އިސްތިއުމާލު ކުރުން އެއްކޮށް މަނާވެގެންދާނެ އެވެ. ރައީސް ޑރ. މުއިއްޒު މީގެ ކުރިން ވަނީ ޖެނެރޭޝަނަލް ބޭން ކަނޑައެޅުއްވުމުގައި އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ގޮތްތައް ހިއްސާކުރައްވައިފަ އެވެ.
ރައީސް ޑރ. މުއިއްޒު ދުންފަތް ބޭންކުރެއްވުމަށް އެމަނިކުފާނަށް ފެނިވަޑައިގަންނަވާކަމަށް ހިއްސާކުރެއްވި އުމުރުފުރާތައް:
- 2007 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ އެކަކުން ފެށިގެން އުފަންވީ އަދި އުފަންވާނެ ހުރިހާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުން
- 2004 ވަނަ އަހަރުގެ ޖެނުއަރީ އެކަކުން ފެށިގެން އުފަންވީ އަދި އުފަންވާނެ ހުރިހާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުން
- 2000 ވަނަ އަހަރުގެ ޖެނުއަރީ އެކަކުން ފެށިގެން އުފަންވީ އަދި އުފަންވާނެ ހުރިހާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުން
މިކަމާ ގުޅިގެން ގާނޫނަށްވެސް ވަނީ އިސްލާހުތަކެއް ގެނެވިފަ އެވެ. އެ އިސްލާހުގައިވާ ގޮތުން ދުންފަތުގެ ބާވަތްތައް ވިއްކޭނީ ލައިސަންސް އޮވެގެން ރަޖިސްޓްރީ ކޮށްފައިވާ ތަންތަނުގައި އެކަނި ކަމަށާއި، އެފަދަ ތަކެތި ގަންނަނީ ކާކުކަން ނޭނގޭގޮތަށް، އޮންލައިންކޮށް ނުވަތަ ވެންޑިން މެޝިން ފަދަ ވަސީލަތްތައް ބޭނުންކޮށްގެން ދުންފަތުގެ ބާވަތްތައް ވިއްކައިގެން ނުވާނެ ކަމަށް މި އިސްލާހުގައި ބަޔާންކޮށްފައިވެ އެވެ.
ޖެނެރޭޝަނަލް ބޭންގެ އިތުރުން މިއަދުން ފެށިގެން އިތުރު ދެ ކަމެއް ވަނީ ތަންފީޒުކުރަން ފެށިފަ އެވެ. އެއީ، ކަށި މިޔަރު ބޭނުމުގެ ހުއްދަ މެނޭޖްމަންޓް ޕްލޭނެއްގެ ދަށުން ހުއްދަކުރުން އަދި ކައުންސިލްތަކުގެ މުވައްޒަފުން ހިމެނޭހެން ސިވިލް ސާވިސްގެ ހުރިހާ މުވައްޒަފުންނާއި ޖުޑިޝަރީގެ މުވައްޒަފުންގެ ޕޭ ހާމަނައިޒް ކުރެވި މުސާރަ ބޮޑުކުރުމެވެ. މިކަމާ ގުޅިގެން ރައީސް އިތުރަށް ވިދާޅުވީ، މި މުނާސަބަތުގައި މި ތިން ކަންތައް ހަގީގަތަކަށް ހެދުމުގައި މަސައްކަތް ކޮށްދެއްވި އެންމެހާ ފަރާތްތަކާއި، އަދި އެއްބާރުލުން ދެއްވި އެންމެހާ ފަރާތްތަކަށް ނުހަނު ޝުކުރު އަދާކުރައްވާ ކަމަށެވެ.









