ކެރީބިއަން ސަރަޙައްދުގައި އެމެރިކާގެ ޕްރެޝަރު ބޮޑުވަމުންދާ ދަނޑިވަޅެއްގައި ރަޝިޔާގެ އަސްކަރީ އެހީތެރިކަމަށް ވެނެޒުއެލާގެ ރައީސް ނިކޮލަސް މަޑޫރޯ ރަސްމީކޮށް އެދިވަޑައިގެންފިއެވެ.
އެމެރިކާ ސަރުކާރުގެ އެތެރޭގެ ލިޔެކިޔުންތަކާއި ޙަވާލާދީ މަސްދަރުތަކުން ބުނާ ގޮތުގައި ރައީސް މަޑޫރޯ ވަނީ ރަޝިޔާގެ ރައީސް ޕޫޓިންއަށް ސިޓީއެއް ފޮނުއްވައި ވެނެޒުއެލާގައި މިހާރު ހުރި ރަޝިޔާގައި އުފައްދާފައިވާ ފަޔަރ ޖެޓްތަކާއި އެއާ ޑިފެންސް އިންފްރާސްޓްރަކްޗަރު މަރާމާތުކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެދިވަޑައިގެންފައެވެ.
ވެނެޒުއެލާގައި މިހާރު ހުރީ މުސްކުޅި ތަކެއްޗެވެ. އެހެންކަމުން އެތަކެތި ހަލާކުކޮށްލައި ރައީސް މަޑޫރޯގެ ސިފައިން ބަލިކޮށް، މަޑޫރޯ އެ ޤައުމުން ވެސް ބޭރުކޮށްލުމަށްފަހު ވެނެޒުއެލާގައި އެމެރިކާގެ ބާރު ހިނގާ ސަރުކާރެއް ޤާއިމްކުރުމަށް އެމެރިކާއިން ކުރާ މަސައްކަތްތަކަށް ހުރަސް އެޅުމަށް މަޑޫރޯ ވަނީ ރަޝިޔާގެ މިސައިލަށް ވެސް އެދިވަޑައިގެންފައެވެ. އަދި މިހާރު ވެނެޒުއެލާގައި ހުރި ރާޑަރުތައް އަޕްގްރޭޑް ކުރުމަށް ވެސް އެދިވަޑައިގެންފައެވެ.
ކަށަވަރުނުވާ، މަސްދަރަކުން ރޭ ބުނެފައި ވަނީ އެމެރިކާއިން ވެނެޒުއެލާ އާއި ސީދާ ހަނގުރާމައަކަށް ދިޔުމަށް ތައްޔާރުވަމުންދާ ކަމަށެވެ. އަދި އެ ޕްލޭނުގައި މަޑޫރޯ އަށް އޮތީ ވެނެޒުއެލާ ދޫކުރައްވައި ރަޝިޔާއަށް ނުވަތަ ޗައިނާއަށް ފިއްލަވާވަޑައިގެންނެވުން ކަމަށް ވެސް އެ މަސްދަރުން ބުންޏެވެ.
ރައީސް މަޑޫރޯ ވަނީ އަށް ޖެޓް އިންޖީނާއި ރަޝިޔާގެ 14 މިސައިލް ސެޓް ހޯދައި 3 އަހަރުވަންދެން ހަނގުރާމައިގައި ބޭނުންވާ ސަޕޯޓް ދިނުމަށް ވެސް ރަޝިޔާގައި އެދިވަޑައިގެންފައި ކަމަށް އެ މަސްދަރުން ބުންޏެވެ. ނަމަވެސް މިވަގުތު ނޭޓޯއިން ޒެލެންސްކީ ލައްވައި މޮސްކޯ އާއި ދެކޮޅަށް ހަނގުރާމަކުރަމުން ދާތީވެ، ވެނެޒުއެލާގެ ޑިފެންސަށް ތިންއަހަރުގެ އެހީތެރިކަމެއް ދިނުމަށް ރަޝިޔާއަށް ހަނިވާނެ ކަމަށް މުޙައްލިލުން ބުނެއެވެ.






