ކަސްޓަމުން ހިފަހައްޓައި، އެމްޕީއެލްގެ ބެލުމުގައި ދަށުގައި ބަހައްޓާފައިހުރި ދެ ކޮންޓެއިނަރުގެ ސިނގިރޭޓް ހުޅުމާލޭ ޕޯޓުން ގެއްލުނު މައްސަލައިގައި ހައްޔަރުކުރި ނުވަ މީހުންގެ ތެރެއިން ލޮޓަސްގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) އާއި މިފްކޯގެ އިންޖިނިއަރިން އެންޑް ޕްރޮޖެކްޓްސްގެ ޖެނެރަލް މެނޭޖަރު, މުއާޒު އަލީ އަދި ކަސްޓަމްސްގެ އިސް އޮފިސަރެއް ކަމަށްވާ ޒިވާރު އިސްމާއިލް އާއި އެމްޕީއެލްގެ މުވައްޒަފެއް ކަމަށްވާ އަހުމަދު ފިރުޝާން ވެސް ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން އިއްޔެ އަމުރުކޮށްފި އެވެ.
މި މައްސަލާގައި ތުހުމަތުގައި ހައްޔަރުކުރި އެޕޯލޯ ހޯލްޑިންގްސްގެ ސީއީއޯ މުހައްމަދު ވަހީދު (ދިގަލި) އާއި ސިނގިރޭޓް ދެ ކޮންޓެއިނަރު އުފުލި ދޯނީގެ ކެޕްޓަން އާދަމް ވަހީދާއި ކ. ތުލުސްދޫ، ލިންކް، ހަސަން އަބްދުއްރަހްމާން ވެސް ޝަރީއަތް ނިމެންދެން ވަނީ ބަންދު ކޮށްފަ އެވެ.
މި މައްސަލައިގެ ތަހުގީގުގެ ތެރެއިން، މި މަހުގެ 19 ވަނަ ދުވަހު ތިލަފުށީގައި ހިންގި ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއްގައި ވަގަށް ނަގާފައިވާ ދެ ކޮންޓެއިނަރުގެ ބައިތައް ހޯދައިފަ އެވެ. އަދި މިހާތަނަށް ތުހުމަތުކުރެވޭ 9 މީހުން ހައްޔަރުކޮށްފައިވާއިރު އޭގެ ތެރެއިން ހަތް މީހުން ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.
މި މައްސަލާގައި އެންމެ އިސްކޮށް އުޅުނު ކަމުގެ ތުހުމަތު ކުރަނީ އާއްޓޭ އާއި ދިގަލި، ޒިވާރު އަދި މުއާޒު އަށެވެ. ދިގައްޔާއި އާއްޓޭ އަށް ކުރަނީ ކޮންޓެއިނަރުތައް ވަގަށް ނެގުމުގެ އޮޕަރޭޝަނަށް ފަންޑުކުރި ކަމުގެ ތުހުމަތެވެ.
ސައުދީ ބިންލާދިން ގްރޫޕުގެ ނަމުގައި ރާއްޖެ އަށް ވަގަށް ދެ ކޮންޓެއިނަރުގެ ސިނގިރޭޓު އެތެރެކުރިކަން ފަޅާއެރީ މިއަހަރުގެ އޭޕްރީލް މަހު އެވެ. 40 ފޫޓުގެ ދެ ކޮންޓެއިނަރުގައި ހުރީ 1،360 ކޭސް ސިނގިރޭޓެވެ. އެއީ ޖުމްލަ 13.6 މިލިއަން ސިނގިރޭޓް ސްޓިކެވެ. ކަސްޓަމްސް އިން ބުނެފައިވާ ގޮތުން އަތުލައިގަތް ބްރޭންޑުތަކުގެ ސިނގިރޭޓަށް އާއްމުކޮށް ކަނޑައަޅާފައިވާ އަގުތަކުން ޑިއުޓީ ދައްކާއިރު، 13.6 މިލިއަން ސިނގިރޭޓަށް 122 މިލިއަން ރުފިޔާ އަރާނެ އެވެ.






