ބަޖެޓް 2026: އަންނަ އަހަރު ރޭސިން ޓްރެކް އެޅުމަށް 2.4 މިލިއަން ރުފިޔާ

މުހައްމަދު ޖަމްޝަތު | 30 ދުވަސް ކުރިން - 31 އޮކްޓޯބަރު 2025 11:37
ރޭސިން އެސޯސިއޭޝަނުން ކުރިއަށްގެންދިޔަ ރޭސިން އިވެންޓެއްގެ ތެރެއިން---ފޮޓޯ:އާރްއޭއެމް
ރޭސިން އެސޯސިއޭޝަނުން ކުރިއަށްގެންދިޔަ ރޭސިން އިވެންޓެއްގެ ތެރެއިން---ފޮޓޯ:އާރްއޭއެމް
ޚުލާސާ

ރޭސިން ޓްރެކް އެޅުމަށް ހަމަޖެހިފައިވަނީ ބްރިޖުން ފެށިގެން ހުޅުމާލެއަށްދާން މިއޮންނަ ހައިވޭގައި ހުންނަ ސޯލާ ޕެނަލްތަކުގެ ބޭރުން ބައެއް ހިއްކައިގެން

އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގެ ޕަބްލިކް ސެކްޓާ އިނެވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ)ގެ ދަށުން ރޭސިން ޓްރެކްތައް އެޅުމަށް 2.4 މިލިއަން ރުފިޔާ ހިމަނައިފި އެވެ.

އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް މިދިޔަ ބުރާސްފަތި ދުވަހު ހުށަހެޅި ބަޖެޓުގައިވާގޮތުން ޕީއެސްއައިޕީގެ މަޝްރޫއުތަކުގެ ދަށުން ކުރިއަށްގެންދާ ކުޅިވަރާއި މުނިފޫހިފިލުވުމުގެ ޕްރޮގްރާމުތަކަށް 403 މިލިއަން ރުފިޔާ ވަނީ ހިމަނާފަ އެވެ. އޭގެ ތެރެއިން ރޭސިން ޓްރެކްތަކެއް އެޅުމަށް ބަޖެޓުގައި 2.4 މިލިއަން ރުފިޔާ ހިމަނާފައިވާއިރު ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އެޅުމަށް 90 މިލިއަން ރުފިޔާ އާއި ފުޓްބޯޅަ ދަނޑުތައް އެޅުމަށް 75 މިލިއަން ރުފިޔާ، ފުޓްސަލް ދަނޑު އެޅުމަށް 33 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.

މީގެ އިތުރުން ހޭންޑް ބޯލް ކޯޓުތަކާއި ޓެނިސް ކޯޓުތަކާއި އެތްލެޓިކްސް ޓްރެކާއި ކުޅިވަރު ކޮމްޕްލެކްސްގެ އިތުރުން އެހެނިހެން ކުޅިވަރުތަަކަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރުމަށްވެސް ވަނީ ހިމަނާފަ އެވެ.

ރޭސިން ޓްރެކް އެޅުމަށް ބަޖެޓުގައި ހިމަނާފައިވާއިރު މިއީ ހައްލެއް ނުލިބި އަހަރުތަކެއް ވެފައިވާ މައްސަލައެކެވެ. ނަމަވެސް މިދިޔަ އޮގަސްޓު މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މާލެ ސަރަހައްދުގައި ރޭސިން ޓްރެކެއް އެޅުމުގެ މަސައްކަތް ކުރިއަށްދާކަން އިއުލާނުކުރައްވާފަ އެވެ.

އެމްއޭސީއެލް އާއި ހަވާލުކޮށްގެން އަޅާ މި ރޭސިން ޓްރެކް އަޅަން ތިލަފުށިން ބިން ހޯދުމަށް ކުރިން މަސައްކަތް ކުރި ނަމަވެސް ސަރުކާރުން ފަހުން ނިންމާފައިވަނީ ބްރިޖު ހައިވޭ ބޭރުން ސަރަހައްދެއް ހިއްކައިގެންނެވެ.

ހައިވޭގެ ސޯލާ ޕެނަލް ޖަހާފައިވާ ސަރަހައްދުގެ ބޭރުން ސަރަހައްދެއް ހިއްކައިގެން ރޭސިން ޓްރެކެއް އެޅުމަށް ހަމަޖެހިފައިވަނީ މީހުން އުޅޭ ސަރަހައްދުގައި އެފަދަ ޓްރެކެއް އެޅުމަކީ އެންމެ ރައްކާތެރިގޮތްކަމަށް ނުބެލެވޭތީ އެވެ. އަދި ރޭސިން ޓްރެކެއް އެޅޭނީ ޓްރެކެއް އެޅުމަށް ބޭނުންވާ ދިގުމިން ހުންނަ ތަނެއްގައިކަމަށްވުމާއެކު، ހައިވޭގެ ބޭރު ސަރަހައްދަކީ އެ ޓްރެކް އެޅުމަށް ހިއްކައިގެން ބިން ލިބޭނެ ސަރަހައްދަކަށްވާތީ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%