ދައުލަތުގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި 1.68 ބިލިއަން ރުފިޔާ ހިމަނައިފި އެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު މިދިޔަ ބުރާސްފަތި ދުވަހު ވަނީ މަޖިލީހަށް ހުށަހަޅައިފަ އެވެ. 64 ބިލިއަންގެ އެ ރެކޯޑު ބަޖެޓު ހުށަހެޅުއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އެވެ.
ބަޖެޓު ހުށަހަޅުވައިދެއްވަމުން މިނިސްޓަރު ޒަމީރު ވިދާޅުވި ގޮތުގައި ޕޭ ހާމަނައިޒް ކުރުމުގެ ސިޔާސަތުގެ ދަށުން މިއަންނަ އަހަރު ސަރުކާރުގެ މުވައްޒަފުން މުސާރަ ބޮޑުކުރުން ބަޖެޓުގައި ހިމަނައިގެން ކުރާނެ އެވެ.
"އަންނަ އަހަރަށް ހުށަހަޅާ ބަޖެޓުން 39.9 ބިލިއަން ރުފިޔާ ނުވަތަ ބަޖެޓުގެ 62 ޕަސެންޓް އެކަށައަޅާފައިވަނީ ރިކަރަންޓް ހަރަދަށް. މީގެ ތެރޭގައި ގިނަ ޒަމާންތަކަކަށްފަހު ދައުލަތުގެ ގިނަ އަދަދެއްގެ މުވައްޒަފުންގެ މުސާރަތައް ބޮޑުކޮށް ހާމަނައިޒްކުރުން ހިމެނޭ،" މިނިސްޓަރު ވިދާޅުވިއެވެ.
ބަޖެޓުގެ ތަފާސްހިސާބުތަކަށް ބަލާއިރު ދައުލަތުގެ ހަރަދުގެ ގޮތުގައި 49.2 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ. އޭގެ ތެރޭގައި ރިކަރަންޓް ހަރަދުގެ ގޮތުގައި 39.9 ބިލިއަން ރުފިޔާ ހިމަނާފައިވާއިރު މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް 14.7 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. އެއީ މިއަހަރަށްވުރެ 2.2 ބިލިއަން އިތުރު އަދަދެކެވެ.
ބަޖެޓުގައި ބުނެފައިވާގޮތުން އިތުރުވާ 2.2 ބިލިއަންގެ 75.3 ޕަސެންޓަކީ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް ހިނގާނެ ހަރަދެވެ. އެގޮތުން އެކަމަށް 1.6 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
މުސާރަތައް އެއްހަމަ ކުރުމުގެ މަސައްކަތްތަކުގެ ތެރެއިން މިހާތަނަށް ޕޭ ހާމަނައިޒްކޮށްފައި ނުވާ ހުރިހާ މުވައްޒަފުންނާއި ޝަރުއީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރަތަކަށް ބަދަލު ގެނެސް 2026 ވަނަ އަހަރުގެ ނިޔަަލަށް ދައުލަތުގެ ހުރިހާ މުވައްޒަފުންގެ މުސާރަތައް ބޮޑު ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ކުރިން ވިދާޅުވެފަ އެވެ.
އަދި ޝަރުއީ ދާއިރާ މާލީ ގޮތުން މިނިވަންކުރުމަށް ދައުލަތުގެ އާމްދަނީން ވަކި އިންސައްތައެއް ޝަރުއީ ދާއިރާއަށް ކަނޑައަޅައި، އެ ފައިސާ ކަނޑައެޅޭ ވަކި އުސޫލެއްގެ ދަށުން ބްލޮކް ގްރާންޓުގެ ގޮތުގައި ދޫކުރައްވާނެކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. އެގޮތުން އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓުގައި ޖުޑީޝަރީ ސެކްޓޯރަލް ގްރާންޓްގެ ގޮތުގައި 807.9 މިލިއަން ރުފިޔާ ވަނީ ހިމަނާފަ އެވެ. މިއީ ޝަރުއީ ދާއިރާއަށް މިހާރު ކުރާ ހަރަދާ އަޅާބަލާއިރު، 250 މިލިޔަން ރުފިޔާގެ އިތުރުވުމެކެވެ.






