މީޑިއާތަކަށް ފައިސާ ދޭން ނިންމި ގޮތް ބާތިލު، އެ މަސައްކަތް އަލަށް އުފެއްދި ކޮމިޝަނުގެ ދަށަށް

އައިޝަތު ރުވާ ރިފްޢަތު | 35 ދުވަސް ކުރިން - 30 އޮކްޓޯބަރު 2025 00:58
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން.
ޚުލާސާ

ޔޫތް މިނިސްޓްރީ އިން ކުރި އިއުލާނުގައި 18 މީޑިއާ އަކަށް 27.9 މިލިއަން ދޫކުރަން ވަނީ ހަމަޖެހިފައި. ނަމަވެސް ފާޑުކިޔުންތައް އަމާޒުވުމުން އެ ނިންމުން ވަނީ ބާތިލުކޮށްފައި.

ބަޖެޓުގެ އަންދާޒާ ކުރެވޭ އާމްދަނީގެ 0.01 އިންސައްތަ ރަޖިސްޓްރީކޮށްފައިވާ މީޑިއާތަކަށް ދޭން ސަރުކާރުން ނިންމާފައިވާތީ އެ އުސޫލުގެ ދަށުން ޔޫތު މިނިސްޓްރީން އެ ފައިސާ ލިބޭ މީޑިއާތަކާއި ލިބޭ އަދަދު މިދިޔަ ބުދަ ދުވަހު އާންމުކުރުމުން ފާޑުކިޔުންތައް އަމާޒުވެ އެ ނިންމުން ބާތިލުކުރަން ނިންމައި، އެ މަސައްކަތް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނާއި ހަވާލުކުރުމަށް ނިންމައިފި އެވެ.

ޔޫތު މިނިސްޓްރީން އާންމުކޮށްފައިވާ އިއުލާނުގައިވާ ގޮތުން އެންމެ ގިނައިން ލިބެނީ ސަންގު ޓީވީ އާއި ވީޓީވީ ގެ އިތުރުން އެސްއެސްޓީވީ އަށެވެ. މުޅި ޖުމްލަ 18 މީޑިއާ އަކަށް 27.9 މިލިއަން ރުފިޔާ ދޫކުރަން ނިންމާފައިވާއިރު އެ މީޑިއާތަކާއި އަދަދުތަކަކީ؛

  1. ސަންގު ޓީވީ - 3.8 މިލިއަން ރުފިޔާ
  2. ވީޓީވީ - 3 މިލިއަން ރުފިޔާ
  3. އެސްއެސްޓީވީ - 2.9 މިލިއަން ރުފިޔާ
  4. ސަންގު އޮންލައިން - 1.3 މިލިއަން ރުފިޔާ
  5. ސަން އޮންލައިން - 1.3 މިލިއަން ރުފިޔާ
  6. ވަން އޮންލައިން - 1.3 މިލިއަން ރުފިޔާ
  7. ވޮއިސް - 1.3 މިލިއަން ރުފިޔާ
  8. ދަ ޕްރެސް - 1.3 މިލިއަން ރުފިޔާ
  9. ދައުރު - 1.3 މިލިއަން ރުފިޔާ
  10. މިހާރު އޮންލައިން - 1.2 މިލިއަން ރުފިޔާ
  11. ތިލަދުން - 1.2 މިލިއަން ރުފިޔާ
  12. އިންގްލިޝް އެޑިޝަން - 1.1 މިލިއަން ރުފިޔާ
  13. ވީ ނިއުސް - 1.1 މިލިއަން ރުފިޔާ
  14. އަދަދު - 1.1 މިލިއަން ރުފިޔާ
  15. ތީރު މީޑިއާ - 1.1 މިލިއަން ރުފިޔާ
  16. ދިޔަރެސް - 1.1 މިލިއަން ރުފިޔާ
  17. ގާފު އޮންލައިން - 1 މިލިއަން ރުފިޔާ
  18. މަލްދީފް އޮންލައިން - 8.9 ލައްކަ ރުފިޔާ

ރައްޔިތުންގެ ފާޑުކިޔުން އެންމެ ބޮޑަށް އަމާޒުވެފައިވަނީ އާންމުންގެ ތެރޭގައި އެހާ މަގުބޫލު ނޫން ނޫސްތަކަށް ފައިސާ ދޭން ނިންމާފައިވާތީ އެވެ. އެގޮތުން ދަ ޕްރެސް، ތިލަދުން، ވީ ނިއުސް، ތީރު މީޑިއާ، ގާފު އޮންލައިން އަދި މަލްދީފް އޮންލައިން - މި ނޫސްތަކަކީ ގިނަ ބަޔަކަށް ނުވެސް އިނގޭ ނޫސްތަކެއް ކަމަށް ބުނެ އާންމުން ވަނީ ފާޑު ކިޔާފަ އެވެ. އަނެއްބައި މީހުން ބުނަމުން ދިޔައީ މި ނޫސްތަކުގެ ތެރެއިން ބައެއް ނޫސްތަކުން ދުވާލަކު ފަސް ހަބަރު ވެސް ނުނެރޭ ކަމެވެ.

އާންމުން ތެރޭގައި ދެން އެންމެ ބޮޑު ކަންބޮޑުވުމެއް އޮތީ އެ މީޑިއާތަކުގެ މުވައްޒަފުންގެ އަދަދާއި އެ މީޑިއާތަކުގެ ސްޓެޓްސް އާންމުނުކޮށް ނުވަތަ ނުބަލައި ފައިސާ ދޭން ނިންމި ނިންމުމެވެ.

މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ވަކި އިންސައްތައެއް ފޯރުކޮށްދިނުމަކީ ރައީސް މުޢިއްޒުގެ ރިޔާސީ ވައުދުކެވެ. އެހެންކަމުން މިފަދަ ބޮޑެތި ކަންބޮޑުވުންތަކެއް އާންމުންގެ ތެރޭގައި ހުރުމުން އެހީ ދިނުމުގައި އިންސާފުވެރިކޮށް ގެންދިޔުމަށް ރައީސް ވަނީ ޔޫތު މިނިސްޓްރީ އަށް އަންގާފަ އެވެ.

މީޑިއާތަކަށް ފައިސާދިނުން އެންމެ އިންސާފުވެރިގޮތަކަށް ގެންދިޔުމަށް ޔޫތު މިނިސްޓްރީން ގެޒެޓުގައި އާންމުކުރި އިއުލާނުގައި ބުނެފައިވަނީ މީޑިއާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް މިނިވަންކަމާއެކު ކުރެވޭނީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް ކަމަށާއި، އެހެންކަމުން މީޑިއާތަކަށް ފައިސާ ދޭން މިނިސްޓްރީން ކުރި ހުރިހާ އިއުލާނެއް ބާތިލުކޮށް އެކަންކަން އެ ކޮމިޝަނާއި ހަވާލުކުރުމަށް ނިންމާފައިވާ ކަމަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%