ޒަމާނީ މިސްކިތާއި ދަޢުވާ ސެންޓަރުގެ ބިންގާ ރައީސް އަޅުއްވައިދެއްވައިފި

އައިޝަތު ރުވާ ރިފްޢަތު | 31 ދުވަސް ކުރިން - 30 އޮކްޓޯބަރު 2025 15:26
ބޮޑުގެ ސަރަޙައްދުގައި ބިނާ ކުރާ ޒަމާނީ މިސްކިތުގެ ކުރެހުމެއް---ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ބޮޑުގެ ސަރަޙައްދުގައި ބިނާ ކުރާ ޒަމާނީ މިސްކިތުގެ ކުރެހުމެއް---ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ޚުލާސާ

ޒަމާނީ މިސްކިތާއި ދަޢުވާ ސެންޓަރުގެ ބިންގާ އަޅުއްވާފައިވަނީ މ. މުއިވެޔޮދޮށުގެ (ބޮޑުގެ) ސަރަހައްދުގައި.

މ. މުއިވެޔޮދޮށުގެ (ބޮޑުގެ) ސަރަޙައްދުގައި ބިނާ ކުރާ ޒަމާނީ މިސްކިތާއި ދައުވާ ސެންޓަރުގެ ބިންގާ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އަޅުއްވައިދެއްވައިފި އެވެ. މިކަމަށްޓަކައި ބޭއްވުނު ހާއްސަ ރަސްމިއްޔާތުގައި ދައުލަތުގެ އިސްވެރިންނާއި އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ އިސްވެރިން ވަނީ ބައިވެރިވެފަ އެވެ.

540 ދުވަހުގެ މުއްދަތެއްގައި ނިންމުމަށް މި މަޝްރޫއު ހަވާލުކޮށްފައިވަނީ އަމިއްލަ ކުންފުންޏެއް ކަމަށްވާ ވެންޒާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ އެވެ. މި މަޝްރޫއަށް ހަރަދުކުރަނީ އަމިއްލަ ފަރާތްތަކުންނެވެ.

މުޅި ޖުމްލަ 1250 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭ މި މިސްކިތުގައި ގިނަ ވަސީލަތްތަކެއް ހުންނާނެ އެވެ. އެގޮތުން އެއްވަނަ ބުރީގައި އަންހެނުންނަށް ހާއްސަ ނަމާދުކުރާ ބައެއް ގާއިމްކުރާ އިރު، އިއުތިކާފް ސަރަހައްދެއް ހެދުމަށް ވަނީ ހަމަޖެހިފަ އެވެ.

މީގެ އިތުރުން 150 މީހުންގެ ޖާގައިގެ ކޮންފަރެންސް ހޯލަކާއި، ޒަމާނީ ކްލާސްރޫމްތަކެއްގެ އިތުރުން ލައިބްރަރީއަކާއި އެޑްމިން އޮފީހެއްވެސް ގާއިމްކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މިސްކިތް ޑިޒައިންކޮށްފައިވަނީ ޓެރެސްގައި ނަމާދުކުރެވޭ ގޮތަށެވެ.

ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް މި މިސްކިތައް ވަދެ ނިކުތުމުގައި ފަސޭހަ އިންތިޒާމްތަކެއް ގާއިމްކުރުމަށް ހަމަޖެހިފައިވާއިރު އެ ފަރާތްތަކަށް ހާއްސަކޮށްގެން ފާހަނަ އަދި ވުޟޫކުރާނެ ސަރަހައްދެއްވެސް ގާއިމްކުރާނެ އެވެ. އަދި އެ ފަރާތްތަކުގެ ލުއިފަސޭހައަށް މިސްކިތުގައި ލިފްޓު ހަރުކުރުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.

ބާވެފައި ހުރި މިސްކިތްތަކުގެ ބަދަލުގައި ޒަމާނީ ބޮޑެތި މިސްކިތްތައް ބިނާކުރުމަކީ ސަރުކާރުގެ ވަރަށް ހާއްސަ އަމާޒެކެވެ. މިގޮތުން ރަށްދެބައި މަގާއި މަޖީދީ މަގު ކަންމަތީގައި ހުންނަ ބަރުބަރީ މިސްކިތް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް މިދިޔަ އަހަރު ވަނީ ފަށާފަ އެވެ. ތިން ބުރިއަށް ބިނާކުރެވޭ އެ މިސްކިތް މި އަހަރުގެ ނިޔަލަށް ހުޅުވުމުގެ މަސައްކަތް ދަނީ ބާރު ސްޕީޑެއްގައި ކުރިޔަށެވެ. މީގެ އިތުރުން މަޖީދީ މަގުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ނުފެށި ހުރި ޒިކުރާ މިސްކިތުގެ މަސައްކަތް އަންނަ ޖެނުއަރީ މަހުގައި ފެށޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%