ކުޑަ ރަށެއް ބޮޑު ރަށެއް ބެލުމެއްނެތި ރާއްޖޭގެ ހުރިހާ ރަށެއްގައި ބީއެމްއެލްގެ އޭޓީއެމްގެ ހިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން އިސްނަގައި، ބޭންކް އޮފް މޯލްޑިވްސްއާ ގުޅިގެން ކުރިއަށްގެންދިޔަ "މުޅި ރާއްޖޭގައި އޭޓީއެމް ހިދުމަތް" މަޝްރޫއު ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.
މި މަޝްރޫއު ކާމިޔާބުކޮށް، ރާއްޖޭގައި މީހުން ދިރުއެޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ގާއިމުކުރެވުނުކަން ބޭންކުން މިއަދު ވަނީ ހާމަކޮށްފަ އެވެ. އަދި އެކަން ފާހަގަކުރުމަށް މިއަދު ހެދުނު ހާއްސަ ހަފްލާއެއްވެސް ވަނީ ބާއްވާފަ އެވެ.
ބާސެލޯ ހޮޓެލްގައި ބޭއްވި މި ހަފްލާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފުވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.
މި ހަފްލާގައި ރައީސް މުއިއްޒު ވަނީ "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއު ވަރަށްވެސް ކުރު މުއްދަތެއްގައި ނިންމުމަށް ބޭންކުގެ ޓީމުން ކުރި ހާއްސަ މަސައްކަތް ފާހަގަކޮށް އެ ޓީމަށް ހަނދާނީ ފިލައެއް ހަވާލުކޮށްދެއްވާފައެވެ.
މުޅި ރާއްޖެއަށް ބޭންކިން ހިދުމަތް ފުޅާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވަވާ އިސްކަމާއި އެހީތެރިކަން ފާހަގަކުރައްވައި ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން ވަނީ އެމަނިކުފާނަށް ހަނދާނީ ފިލައެއް އަރުވާފަ އެވެ. މި ފިލާ ރައީސްއަށް އެރުވީ މުޅި ރާއްޖެއަށް ބޭންކިން ހިދުމަތް ލިބޭނެގޮތް މަގުފަހިކޮށްދިނުމަށްޓަކައި ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ގާއިމުކޮށް، ހުރިހާ ދިވެހި ރައްޔިތުންނަށް ވީހާވެސް ގާތުން، ފަސޭހަކަމާއެކު ބޭންކިން ހިދުމަތްތައް ފޯރުކޮށްދިނުމަށް އެ މަނިކުފާނު އިސްނަންގަވައިގެން ފެއްޓެވި މި މަޝްރޫއު ކާމިޔާބުކުރުމަށްޓަކައި ދެއްވި އިސްކަމާއި، އެހީތެރިކަން ފާހަގަކުރުމުގެ ގޮތުންކަމުގައި އެ ބޭންކުން ފާހަގަކުރި އެވެ.
މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއުގެ ދަށުން އެންމެ ފުރަތަމަ އޭޓީއެމް ގާއިމުކޮށްފައި ވަނީ މި އަހަރުގެ ފެބްރުއަރީ މަހުގައެވެ. އަދި އެންމެ 9 މަސް ދުވަސް ތެރޭގައި، ބޭންކުން ވަނީ ރާއްޖޭގެ 20 އަތޮޅުގެ 105 ރަށެއްގައި އޭޓީއެމް ގާއިމުކޮށްފައެވެ. މި މަޝްރޫއުގެ ބޮޑުކަމާއެކުވެސް މަސައްކަތް ނިންމާލި އަވަސްމިނަކީ މިހާތަނަށް ރާއްޖެ ނުދެކޭފަދަ ކާމިޔާބީއެއްގެ ގޮތުގައި ބީއެމްއެލުން ސިފަކުރެއެވެ.
އަދި މި މަސައްކަތް ނިންމާފައިވަނީ އެންމެ މަތީ ފެންވަރުގައި، ވީހާވެސް އަވަހަށް ހިދުމަތް ދިނުމަށްޓަކައި، ގިނަ ފަރާތްތަކެއްގެ ބައިވެރިވުމާއެކު، ވަރަށް ގިނަ މަސައްކަތްތަކެއް ފުރިހަމަ ކޮށްގެންނެވެ. މި މަޝްރޫއު ހިންގުމުގައި ހަރަދު ކުޑަކުރުމާއި މަޝްރޫއުގެ ހިންގުން ހަރުދަނާވުމުގެ ނަތީޖާއެއްގެ ގޮތުން، މީގެ ކުރިން ބޭންކުން އޭޓީއެމް ގާއިމުކުރުމަށް ކޮށްފައިވާ ހަރަދާ އަޅައިބަލާއިރު، 33 ޕަސެންޓް ހަރަދު ކުޑަކަންވެސް އެ ބޭންކުން ފާހަގަކުރެއެވެ.
ބެންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، ރާއްޖޭގެ ކޮންމެ ރަށެއްގެ ރައްޔިތުންނަށްވެސް މިހާރު އެންމެ ފެންވަރު ރަނގަޅު އޭޓީއެމްތަކުގެ ހިދުމަތް ލިބޭނެކަމަށެވެ. އަދި 'މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް' މަޝްރޫއަކީ ރައްޔިތުންގެ ބޭނުންތަކަށް އަމާޒުކޮށްގެން ހިންގުނު މުހިންމު މަސައްކަތެއްކަން ޝަރީފް ފާހަގަކުރެއްވިއެވެ.
މިއަދުގެ ހަފްލާގައި ރައީސް މުއިއްޒު ވަނީ ބޭންކް އޮފް މޯލްޑިވްސްގެ ކޯޕަރޭޓް ކެމްޕޭން "ދިވެހީންގެ ބޭންކް - މުޅި ރާއްޖެއަށް" އިފްތިތާހު ކޮށްދެއްވާފަ އެވެ. އަދި ބޭންކުން އަލަށް ތައާރަފުކުރާ ޑިޖިޓަލް ވޮލެޓްގެ ހިދުމަތްވެސް ރަސްމީކޮށް ފައްޓަވައިދެއްވާފަ އެވެ.
މި ހަފްލާގައި ބީއެމްއެލް އިން ވަނީ އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސިން ކޮމްޕެނީ (އެސްޑީއެފްސީ)ގެ މައިގަނޑު ހިއްސާ ބޭންކުން ގަތުމަށްފަހު، އެކުންފުނި ރީބްރޭންޑްކޮށްފަ އެވެ. އަދި ބޭންކުން އަލަށް ތައާރަފުކުރާ ވިސާ ޕްލެޓިނަމް އެމެރިކާ ޑޮލަރު ޑެބިޓް ކާޑުވެސް މިހަފުލާގައި ވަނީ އިފްތިތާހުކޮށްފަ އެވެ.






