ސިނގިރޭޓު ވައްކަމާ ގުޅިގެން ކަސްޓަމްސްގެ ދެ ޑެޕިއުޓީ ކޮމިޝަނަރަކު މަގާމުން ވަކިކޮށްފި

މުހައްމަދު ޖަމްޝަތު | 32 ދުވަސް ކުރިން - 29 އޮކްޓޯބަރު 2025 11:31
މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ އިމާރާތް---ފޮޓޯ:ޚުލާސާ
މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ އިމާރާތް---ފޮޓޯ:ޚުލާސާ
ޚުލާސާ

241 ކޮމިޓީން ކަސްޓަމްސްއާ ބެހޭގޮތުން ދިރާސާކޮށްފައިވަނީ ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑްގެ މައްސަލައާއި ބޮންޑެޑް ވެއާހައުސްއަކުން ސިނގިރޭޓު ގެއްލުނު މައްސަލަ

ގަވާއިދާ ހިލާފަށް ރާއްޖެއަށް ސިނގިރޭޓް އެތެރެކޮށްފައިވާ އެކި މައްސަލަތަކާ ގުޅިގެން ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރުން މަގާމުގައި ތިއްބެވި 2 މީހަކު މަގާމުން ވަކިކޮށްފި އެވެ.

2 މީހަކު ވަކިކޮށްފައިވާކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި ރައީސް ވިދާޅުވީ ރާއްޖެއަށް ސިނގިރޭޓް އެތެރެކުރި މައްސަލަތަކާ ގުޅިގެން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީން ދިރާސާކޮށްފައިވާ މައްސަލައާ ގުޅިގެން ދީފައިވާ އިރުޝާދުގެ ދަށުން ޑެޕިޔުޓީ ކޮމިޝަނަރު އޮފް ކަސްޓަމްސްގެ މަގާމުގައި ތިއްބެވި ދެ ބޭފުޅަކު ވަކިކޮށްފައިވާ ކަމަށެވެ. އަދި ކަސްޓަމްސްގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން އިތުރު ތިން މީހަކަށް ފިޔަވަޅު އެޅުމަށް ކަސްޓަމްސްއަށް އަންގާފައިވާކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ ނުވަތަ 241 ކޮމިޓީން ކަސްޓަމްސްއާ ބެހޭގޮތުން ދިރާސާކޮށްފައިވަނީ ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑްގެ ތެޔޮ ބޯޓެއްގައި ގާނޫނާއި ގަވާއިދާ ހިލާފަށް ރާއްޖެއަށް ސިނގިރޭޓް ކާޓޫނުތަކެއް އެތެރެކޮށްފައިވާ މައްސަލައާއި ބޮންޑެޑް ވެއާހައުސްއެއްގައި ހުރި ސިނގިރޭޓް ކާޓޫނުތަކެއް ކަސްޓަމްސްއަށް ނޭނގި ގާނޫނާ ހިލާފަށް އެ ބޮންޑެޑް ވެއާހައުސްއިން ނެރެފައިވާ މައްސަލައެވެ.

މިމަހުގެ 27 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކުރި މި ރިޕޯޓުގައި ހަތަރު އިދާރާއަކަށް ކަންކަން އިސްލާހުކުރުމަށް އެންގުންތައް އަންގާފައިވެއެވެ. އެ އިދާރާތަކަކީ މޯލްޑިވްސް ކަސްޓަމްސް ސާވިސްއާއި ޑިފެންސް މިނިސްޓްރީ އާއި ޓްެރާންސްޕޯޓް މިނިސްޓްރީގެ އިތުރުން ދިވެހި ފުލުހުންގެ ހިދުމަތެވެ.

މި ރިޕޯޓްގައި ކަސްޓަމްސްއަށް އަންގާފައިވާ އެންގުންތަކުގެ ތެރޭގައި ކަސްޓަމްސްގެ ވާޖިބާއި މަސްއޫލިއްޔަތު އަދާކުރުމަށް މިހާރަށްވުރެ ހަރުދަނާ ސިޔާސަތުތަކެއް ގާއިމުކޮށް، އެ މަސައްކަތްކުރަން ރޭވިފައިވާ ގޮތަށް މަސައްކަތް ނިމޭނެކަމަށް ލަފާކުރެވޭ ތާރީހު 241 ކޮމިޓީއަށް އެންގުމަށް އަންގާފައިވެއެވެ. އަދި ކަސްޓަމްސް އޮފިސަރުންގެ ވާޖިބާއި މަސްއޫލިއްޔަތުތައް އެންމެ ފުރިހަމައަށް އަދާކުރޭތޯ ކަށަވަރުކުރުމަށް ޓަކައި އަޅަންޖެހޭ ފިޔަވަޅުތައް މިހާރަށްވުރެ ހަރުދަނާކޮށް އެޅުމަށާއި ގާނޫނާއި ގަވާއިދުތަކާ ހިލާފަށް އަމަލުކުރަމުންދާ މުވައްޒަފުންގެ މައްސަލަތައް ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ޓައިމްލައިނެއް ތައްޔާރުކޮށް 241 ކޮމިޓީއަށް އެންގުމަށް އަންގާފައިވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%