ކ. ދިއްފުށީގަި ކުނި މެނޭޖްކުރުމަށް ހާއްސަ ސެންޓަރެއް ގާއިމުކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ އަމަލީ މަސައްކަތް ރަސްމީކޮށް މިއަދު ވަނީ ފަށައިފަ އެވެ. މި މަސައްކަތް ފެށީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މާލެ އަތޮޅު މީހުން ދިރިއުޅޭ 3 ރަށަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ދިއްފުއްޓަށް ކުރެއްވި ޒިޔާރަތުގަ އެވެ.
ދިށްފުށީގައި ކުނި މެނޭޖްކުރުމަށް ހާއްސަ ސެންޓަރުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފެށުމަށް މިއަދު އެރަށުގައި ވަނީ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ.
މި ރަސްމިއްޔާތުގައި ކުނި މެނޭޖްކުރާ ހާއްސަ ސެންޓަރުގެ އަމަލީ މަސައްކަތް ފަށްޓަވައިދެއްވީ ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ތާރިގު އިބްރާހިމެވެ. އަދި ވެމްކޯގެ މެނޭޖިން ޑިރެކްޓަރު މުޖްތަބާ ޖަލީލް އާއި ދިއްފުށި ހިމެނޭ ދާއިރާގެ މެމްބަރާއި ދިއްފުށި ކައުންސިލްގެ ރައީސް ބައިވެރިވެވަޑައިގެންނެވިި އެވެ.
ރާއްޖޭގެ ރަށްތަކުގައި ރައްކާތެރިގޮތުގައި ކުނި މެނޭޖްކުރުމަށް ހުރި ދަތިތައް ނައްތާލައި ކުނި މެނޭޖްކުރުމުގެ ކަންކަން ހަރުދަނާކުރުމަކީ ސަރުކާރުން ހާއްސަ އިސްކަމެއްދޭ ދާއިރާއެކެވެ. އެގޮތުން މާލޭ ސަރަހައްދުގެ އިތުރުން، އަތޮޅުތަކުގައިވެސް ކުނި މެނޭޖްކުރާ މަރުކަޒުތައް ގާއިމުކޮށްދީ، ވަސީލަތްތައް ހަމަކޮށްދިނުމުގެ މަޝްރޫއުތައް އެކި ސަރަހައްދުތަކުގައި މިވަގުތުވެސް ސަރުކާރުން ދަނީ ކުރަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ މިހާރު އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރަށްރަށުގެ ތަރައްގީއަށް ބޭނުންވާ ގިނަ މަޝްރޫއުތައް ދަނީ ފައްޓަވައިދެއްވަމުންނެވެ. އެގޮތުން ދިއްފުށީގައި ސަރުކާރުން ގާއިމުކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާވެސް މިއަދު ވަނީ އަޅާފަ އެވެ. އަދި ރަށަށް ބިން އިތުރުކުރުމަށް ބިން ހިއްކުމުގެ މަޝްރޫއުވެސް މިއަދު ވަނީ ފަށައިފަ އެވެ. މި ދެ މަޝްރޫއުވެސް ކުރިއަށްގެންދަން ހަވާލުކުރީ އެމްޓީސީސީ އާ އެވެ.






