ދައުލަތަށް އާމްދަނީ ލިބޭނެ އެއްވެސް މަގެއް ނިމިދިޔަ އެމްޑީޕީ ސަރުކާރުން ހޯދާފައިނުވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ސައީދު މި މޭރުމުން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. މެމްބަރު ޑރ. ޝަމްހީދު މިނިސްޓަރާ ކުރެއްވި ސުވާލަކީ ފައިސާ ޗާޕުކުރުމަށް ސަރުކާރުން އެއްބަސްވޭތޯއާއި، އަދި މީގެ ސަބަބުން އިގްތިސާދަށް ކުރާނެ އަސަރު މިންވަރުކުރެވިފައި ވޭތޯ އެވެ. މެމްބަރުގެ އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު، ކުރީގެ ސަރުކާރުން 125.2 ބިލިޔަން ރުފިޔާގެ ބޮޑު ދަރަންޏެއް އުފައްދާފައިވާ ކަމަށެވެ.
ހަމައެއާއެކު، އެހާ ބޮޑު ދަރަންޏެއް އޮތްއިރުވެސް ދައުލަތަށް އާމްދަނީ ލިބޭނެ ގޮތެއް ކުރީ ސަރުކާރުން ހޯދާފައިނުވާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ކުރީގެ ސަރުކާރުން ފައިސާ ޗާޕްކުރި ސަބަބުތަކުގެ ތެރޭގައި ކޮވިޑް-19ގެ ހާލަތު އުޒުރެއްގެ ގޮތުގައި ދެއްކި ކަމަށެވެ. ކޮވިޑުގެ ހާލަތުގައި އެހީގެ ގޮތުގައި 1.7 ބިލިއަން ރުފިޔާ ލިބިފައިވީ ނަމަވެސް، ހަރަދުގެ ގޮތުގައި ބޭނުންކުރީ އެންމެ 4.2 މިލިއަން ރުފިޔާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އެހެންކަމުން ކުރީގެ ސަރުކާރުން ފައިސާ ޗާޕުކުރީ ކޮން ބޭނުމެއްގައިތޯ މިނިސްޓަރު ވަނީ ސުވާލު އުފައްދަވައިފަ އެވެ. އަދި ކުރިއަށް އޮތްތަނުގައި އެމްޑީޕީއަށް ވެރިކަން ލިބިއްޖެ ހާލަތެއްގައިވެސް ފައިސާ ޗާޕުނުކުރުމަށް މިނިސްޓަރު ސައީދު އިދިކޮޅު ފަރާތްތަކަށް އިލްތިމާސްކުރެއްވި އެވެ.
މީގެ އިތުރުން މާލީ ސިޔާސަތުތައް ހަރުދަނާކޮށް، ދަރަނި އިތުރުވިޔަ ނުދިނުމަށް ސަރުކާރުން ދެމިތިބޭނެ ކަމަށްވެސް މިނިސްޓަރު ވަނީ އިތުރަށް ވިދާޅުވެފަ އެވެ.






