އެގްޒޯޓިކްގެ ވެއާހައުސް އިން ގެއްލުނު ސިނގިރޭޓަށް ދެ ހަފްތާތެރޭ 47 މިލިއަން ދައްކަން ހުކުމްކޮށްފި

މުހައްމަދު ޖަމްޝަތު | 38 ދުވަސް ކުރިން - 28 އޮކްޓޯބަރު 2025 13:20
ކަސްޓަމްސް އިން އަތުލައިގަތް ސިނގިރޭޓުތަކެއް ނައްތާލަނީ---ފޮޓޯ:ކަސްޓަމްސް
ކަސްޓަމްސް އިން އަތުލައިގަތް ސިނގިރޭޓުތަކެއް ނައްތާލަނީ---ފޮޓޯ:ކަސްޓަމްސް
ޚުލާސާ

އެގްޒޯޓިކް ކުންފުނީގެ ސިނގިރޭޓުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީންވެސް ބަލައި ރިޕޯޓެއް ވަނީ ނެރެފަ

އެގްޒޯޓިކް އެންޓަޕްރައިސަސް އިން ރާއްޖެ އެތެރެކުރި ސިނގިރޭޓް އެ ކުންފުނީގެ ބޮންޑެޑް ވެއާހައުސްއެއްގައި ހުއްޓާ ގެއްލުނު މައްސަލައިގައި އެ ކުންފުނިން 47 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދެ ހަފްތާތެރޭ ދައްކަން ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

މި ދައުވާ އެ ކުންފުންޏާއި ދެ ކޮޅަށް އުފުލީ މޯލްޑިވްސް ކަސްޓަމްސް ސާވިސް އިންނެވެ.

އެ ދައުވާގައި ބުނެފައިވަނީ ވައިގެ މަގުން ގެނައި 180 ކޭސް ކެމަލް ޔެލޯ، 300 ކޭސް މެންޗެސްޓާ ޔުނައިޓެޑް ރޯޔަލް ރެޑް ފިލްޓާ އަދި 110 ކޭސް އެމެރިކަން ލެޖެންޑް އެގްޒޮޓިކްގެ ބޮންޑެޑް ވެއާހައުސްގައި ބެހެއްޓި ކަމަށެވެ. މިތަނުން ނެރުނު ކަމަށް ރެކޯޑްތަކުން ދައްކަނީ 15 ކޭސް ކެމަލް ޔެލޯ އެކަނި ކަމަށް ދައުވާގައި ބުނެފައިވެ އެވެ.

އެހެންނަމަވެސް އެ ވެއާހައުސްގައި ދެން ހުރި ހުރިހާ ސިނގިރެޓެއް ގެއްލިފައިވާކަމަށް ކަސްޓަމުން ބުނެއެވެ. އެހެންކަމުން ވެއާހައުސް އިން ގެއްލިފައިވާ ސިނގިރޭޓަށް އެގްޒޮޓިކް ކުންފުނިން ޑިއުޓީގެ ގޮތުގައި 47،182،011.86 ރުފިޔާ ދައްކަން ޖެހޭނެ ކަމަށް ކަނޑައަޅައި، އެ ކުންފުނީގެ ޣައިރު ހާޒިރުގައި ހުކުމް ކޮށްދިނުމަށް ކަސްޓަމުން ވަނީ އެދިފައެވެ.

ކަސްޓަމްސް އިން ދައުވާގައި ބުނެފައިވާ ގޮތުގައި ޑިިއުޓީގެ ގޮތުގައި ދައްކަންޖެހޭ 47 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދެއްކުމަށް އެގްޒޮޓިކް ކުންފުންޏަށް އެންގުމުން ވެސް އެ ފައިސާ ދައްކާފައެއް ނުވެ އެވެ. އެހެންކަމުން އެ ފައިސާ 14 ދުވަހުގެ ތެރޭގައި ދެއްކުމަށް ހުކުމް ކޮށްދިނުމަށް ކަސްޓަމުން ވަނީ އެދިފައެވެ.

ސިވިލްކޯޓުން އެގްޒޯޓިކް އެންޓަޕްރައިސަސް ގައިރު ހާޒިރުގައި ކުރި ހުކުމުގައި ވަނީ އެ ކުންފުނީގެ ބޮންޑެޑް ވެއާހައުސްއެއްގައި ހުއްޓާ ގެއްލުނު މައްސަލައިގައި އެ ކުންފުނިން 47 މިލިއަން ރުފިޔާ ދައްކަން ޖެހޭކަން ލިޔެ ކިޔުންތަކުން އެނގޭ ކަމަށެވެ. އަދި އެ ފައިސާ 14 ދުވަހުގެ ތެރޭގައި ދައްކާ ހަލާސް ކުރުމަށް ވަނީ ކޯޓު އަމުރުކޮށްފައެވެ.

އެގްޒޯޓިކްގެ ބޮންޑެޑް ވެއާހައުސް އިން ސިނގިރެޓް ގެއްލުނުކަން އެނގުނީ ކަސްޓަމްސް ކުރިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ސިނގިރެޓް އެތެރެކުރި އިރު ކުންފުނީގެ ހިއްސާދާރުގެ ގޮތުގައި ތިބި މީހުން ބަދަލުވެ، ވެއާހައުސްގެ ސްޓޮކް ގުނައިދޭން އެދި ހުށަހެޅުމުންނެވެ. ފަހުން ގޮސް ބެލި އިރު ވެއާހައުސްގައި ސިނގިރޭޓެއް ނެތެވެ.

މި މައްސަލަ ފަޅާއަރައި ކޯޓާ ހިސާބަށް ދިއުމުގެ ކުރިން ކުންފުނީގެ ހިއްސާ ބަދަލުކޮށްފައި އޮތީ މިހާ ގިނަ އަދަދެއްގެ ސިނގިރެޓް އެތެރެކޮށް މިވަރުގެ ވިޔަފާރިއެއް ކުރުމުގެ ގާބިލްކަމެއް އެއްވެސް ވަރަކަށް ހުރި ބަޔަކަށް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ބުނެފައިވެ އެވެ.



TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%