ޕޮވެމްބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކައުންސިލްގެ އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު އިއުލާން ކުރައްވައިފިއެވެ.
ލާމަރުކަޒީ ނިޒާމު ފެށިނީއްސުރެވެސް މިހާތަނަށް ކައުންސިލްގެ މުވައްޒަފުންނަށް ހައްގުވާ މުސާރައިގެ ބޮޑު ކުރިއެރުމެއް ނުލިބެއެވެ. ނަމަވެސް، ކުރެންދޫ ރައްޔިތުންނާއި މުހާތަބު ކުރައްވައި ރައީސް މިއަދު ވިދާޅުވީ އާ އިސްލާހުގެ ދަށުން ހުރިހާ ކައުންސިލް އިދާރީ މުވައްޒަފުންވެސް ކެޓަގަރީ 4 އިން ކެޓަގަރީ އިން 1 ވަނަ ކެޓެގަރީ އަށް ޕްރޮމޯޓް ކުރެވޭނެ ކަމަށައި، އެމީހުންގެ މުސާރަ ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ އާއި އެއްވަރުވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ މި ސަރުކާރުން ލާމަރުކަޒީ ނިޒާމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށާއި ރައްޔިތުންގެ މާލީ ދުޅަހެޔޮކަން ރަނގަޅު ކުރުމަށް މަސައްކަތް ކުރައްވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ސިވިލް ސާވިސް އަދި ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް ވެސް މި ނޮވެމްބަރު މަހު މުސާރަ ބޮޑުވާނެ ކަމަށާއި، ދައުލަތުގެ އެހެން މުއައްސަސާތަކުގެ މުސާރަ އަންނަ އަހަރު ހާމަނައިޒް ކުރެވޭނެ ކަމަށެވެ.
ޕޭ ހާމަނައިޒޭޝަންގެ ތެރެއިން މިހާތަނަށް މުސާރަ ބޮޑުވެފައިނުވާ ސިވިލް ސާވިސް މުވައްޒަފުންނާއި ޖުޑީޝަރީގެ ހުރިހާ މުވައްޒަފުން އަދި ކައުންސިލްތަކުގެ ހުރިހާ މުވައްޒަފުންގެ މުސާރަ ނޮވެމްބަރު 1 ގައި ހާމަނައިޒް ކުރެވި ބޮޑުވެގެންދާނެކަން ރައީސް އެންމެ ފުރަތަމަ އިއުލާން ކުރެވީ އެމަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިއަހަރު ސެޕްޓެމްބަރު 28 ވަނަ ދުވަހުގަ އެވެ.
އިގްތިސާދީ ގޮތުން ގައުމު ބޮޑު އަދަވަޅަކަށް ވެއްޓިފައިވާތީ ސިޔާސީ ހުރިހާ މުވައްޒަފުންގެ މުސާރަ ވަނީ މިއަހަރު ޖެނުއަރީ 1 ވަނަ ދުވަހުން ފެށިގެން ކުޑަކޮށްފަ އެވެ. މި ފިޔަވަޅު އަޅާފައިވަނީ ދެ އަހަރު ދުވަހުގެ މުއްދަތަކަށެވެ.









