އޮޅުވެލިފުށްޓަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ، އަންނަ އަހަރުގެ ރޯދައިގެ ކުރިން ހައްލުކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ޅ. އަތޮޅަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ފުރަތަމަ މަންޒިލް ކަމަށްވާ އޮޅުވެލިފުށީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ވިދާޅުވީ އޮޅުވެލިފުށީގައި ކުރިއަށްގެންދާ މަޝްރޫއުތައް އެއްވެސް މަޑުޖެހުމެއްނެތި ކުރިއަށްގެންދަވާނެކަމަށާއި އެ މަޝްރޫއުތަކާއެކު ރަށަށް ކުރިއެރުންތަކެއް އަންނާނެކަމަށެވެ.
އެ ރަށުގައި ހުއްޓިފައި ހުރި މަސައްކަތްތައް ހުރިކަން ފާހަގަކުރައްވާ ރައީސް ވަނީ ކަރަންޓުގެ ނެޓްވޯކް އަޕްގްރޭޑް ކުރަން ޖެހިފައިވާކަން ފާހަގަކުރައްވާފައެވެ. ކަރަންޓުގެ މައްސަލަ ހައްލުނުވުމުގެ އޮތުމުގެ ސަބަބުން ނަރުދަމާ އަޅާފައި އޮތްނަމަވެސް ނަރުދަމާއާއި ސިއްހީ މަރުކަޒަށް އިތުރުކުރި ޖާގަ އެކަށިގެންވާ ގޮތަށް ބޭނުން ނުކުރެވޭކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވަނީ ފެނަކައަށް ބޭނުންވާ އެހީތެރަން ފޯރުކޮށްދީގެން މިކަން ވަރަކަށް ގާތުން ބައްލަވައިގެން އެ ރަށުގެ ކަރަންޓު މައްސަލަ ހައްލުކޮށްދެއްވާނެކަމުގެ ޔަފީންކަން ދެއްވާފަ އެވެ. އަދި ވިދާޅުވީ އެ ކަމަށް ހައްލެއް ރޯދައިގެ ކުރިން ހޯއްދަވައިދެއްވާނެ ކަމަށެވެ.
"އަމާޒަކީ މިއަހަރުގެ ތެރޭގައި ނަރުދަމާގެ މައްސަލައަށް ހައްލު ގެނައުމަށްޓަކައި އަދި ސިއްހީ މަރުކަޒަށް ބޭނުންވާ ކަރަންޓު މައްސަލައަށް ބޭނުންވާ ވަރަށް ހައްލުކޮށްދިނުން. އެންމެ ލަސްވެގެން ރޯދައިގެ ކުރިއަށް މުޅި ރަށުގެ ކަރަންޓުގެ މައްސަލަ ހައްލުކޮށްދިނުން. ކަރަންޓުގެ މައްސަލަ ވަރަށް ގާތުން ސީދާ ރައަސް އޮފީހުން ވަރަށް ގާތުން ބަލާނަން،" ރައީސް ވިދާޅުވިއެވެ.
އޮޅުވެލިފުށި ސްކޫލްގައި ހުއްޓިފައި ހުރި 10 ކްލާސްރޫމް ތަރައްގީކުރުމުގެ މަަސައްކަތަށް އިޝާރަތްކުރައްވާ ރައީސް ވިދާޅުވީ އެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވާ އަމިއްލަ ކުންފުނިން މިހާތަނަށް ކުރި މަސައްކަތަށް ފައިސާ ދީފައިވަކަމަށެވެ. އަދި މި މަސައްކަތް ނިންމުމަށް ކުންފުންޏަށް އަންގާފައިވާކަމަށާއި އިތުރަށް ބާރު އަޅާ އެ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރައްވާނެކަމަށެވެ. ކްލާސްރޫމްތައް އިތުރުކުރުމުގެ މަސައްކަތުގެ އިތުރުން އަންނަ އަހަރުގެ ބަޖެޓުގައި މަލްޓިޕާޕަސް ހޯލެއް ތަރައްގީކުރުމަށް ހިމަނުއްވާނެކަމަށެވެ.
ރައީސް ވިދާޅުވީ މަސައްކަތް ކުރައްވަމުންދަނީ އެމަނިކުފާނު ވައުދުވެވަޑައިގެންނެވި މަސައްކަތްތައް ނިންމުމާއެކު އިތުރު ކަންކަންވެސް ރައްޔިތުން އެދޭގޮތަށް ކުރިއަށް ގެންދިޔުމަށް ކަމަށެވެ. އެގޮތުން އެރަށު ކައުންސިލުން ތަރައްގީކުރާ ވޯލީކޯޓު އެޅުމަށްޓަކައި ކައުންސިލަށް ފައިސާ ދާދި އަވަހަށް ޖަމާކޮށްދޭނެކަމަށާއި އެރަށުގައި މަގު ހެދުމުގެ މަޝްރޫޢޫއެއްވެސް ކުރިއަށްގެންގޮސް ހުރިހާ ދާއިރާއަކުންވެސް ރަށަށް ބޭނުންވާ ތަރައްގީ ގެނެސްދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.









