ޅ. އަތޮޅު އަދި ކ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށް ކުރައްވާ ދެ ދުވަހުގެ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މިއަދު ހެނދުނު ފުރާވަޑައިގެންފި އެވެ.
ރައީސްގެ މި ދަތުރުފުޅާ ގުޅިގެން ރައީސް އޮފީހުން ބުނީ، އެމަނިކުފާނުގެ މި ދަތުރުފުޅުގައި، އެ ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި، ރަށްރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށެވެ. މީގެ އިތުރުން އެ ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރައްޔިތުންގެ ހާލު ބެއްލެވުމަށް ވަނީ ހަމަޖެހިފަ އެވެ.
ރައީސްގެ މި ދަތުރުފުޅުގައި ޅ. އަތޮޅުގެ މީހުން ދިރިއުޅޭ ހަތަރު ރަށަކަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން ޅ. އަތޮޅު ހިންނަވަރު، ނައިފަރު، ކުރެންދޫ އަދި އޮޅުވެލިފުއްޓަށް އެމަނިކުފާނު ވަޑައިގަންނަވާނެ އެވެ. ކ. އަތޮޅުން އެމަނިކުފާނު ވަޑައިގަންނަވާނީ ކާށިދޫ، ދިއްފުށި އަދި ތުލުސްދޫއަށެވެ.
މި ދަތުރުފުޅަކީވެސް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާއި ރަށްތަކާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން ރައީސް ކުރައްވާ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި، ރައީސްގެ އަރިހުގައި، ސަރުކާރުގެ ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވަ އެވެ.









