ހެލިކޮޕްޓަރު ހިދުމަތް ފެށުން ލަސްވާތީ, މާދަމާ މިނިސްޓަރު އަމީން އާ ސުވާލުކުރަނީ

މުހައްމަދު ޖަމްޝަތު | 35 ދުވަސް ކުރިން - 26 އޮކްޓޯބަރު 2025 23:55
ޓްރާންސްޕޯޓް މިނިސްޓަރު، އަމީން މަޖިލީހުގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ---ފޮޓޯ: މަޖިލިސް އިދާރާ
ޓްރާންސްޕޯޓް މިނިސްޓަރު، އަމީން މަޖިލީހުގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ---ފޮޓޯ: މަޖިލިސް އިދާރާ
ޚުލާސާ

ހެލިކޮޕްޓަރު ހިދުމަތް ފެށުމަށް އެ އުޅުނދު އޮޕަރޭޓު ކުރާނެ ބަޔަކު ހޯދުމަށް މިނިސްޓްރީން މިދިޔަ އަހަރުގެ އޮގަސްޓުގައި އިއުލާނުކުރި

ރާއްޖޭގައި އަލުން ފަށަން ހަމަޖެއްސި، ހެލިކޮޕްޓަރުގެ ހިދުމަތާ ބެހޭގޮތުން ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީންއާ ސުވާލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.

އެ މައްސަލައާ ބެހޭގޮތުން މާދަމާގެ ޖަލްސާގައި މިނިސްޓަރާ ސުވާލުކުރަން ހުށަހަޅުއްވާފައިވަނީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމެވެ.

މެންބަރު މިނިސްޓަރު އަމީން އާ ސުވާލުކުރަން ހަމަޖެހިފައިވަނީ، މިދިޔަ މާޗު މަހު ރާއްޖޭގައި ހިދުމަތްދޭން ފަށާނެ ކަމަށް ބުނި ހެލިކޮޕްޓަރުގެ ހދުމަތް މިހާތަނަށް ނުފެށިގެން އުޅެނީ ކީއްވެގެންތޯ ބެލުަމަށެވެ. އަދ،ި އެ ހިދުމަތް ފެށޭނެ ކަމަށް މިހާރު ބެލެވޭ މުއްދަތަކީ ކޮބައިތޯ އާއި އެ ހިދުމަތްދޭން ހަވާލުކޮށްފައިވާނަމަ އެ ކުންފުނިން އަދިވެސް ހުރީ އެ ހިދުމަތް ފަށާ ގޮތަށްތޯވެސް ސުވާލުކުރަން ވަނީ ހަމަޖެހިފައެވެ.

ވަޒީރުންގެ މަޖިލީހުގައި ނިންމި ނިންމުންތަކާ ގުޅޭގޮތުން މިދިޔަ އަަހަރު ނޫސްވެރިންނަށް މައުލޫމާތުދެމުން ރައީސް އޮފީހުން ބުނެފައިވަނީ ހެލިކޮޕްޓަރުގެ ހިދުމަތް އަލުން ފަށަނީ އަވަސް ސިއްހީ ފަރުވާ ބޭނުންވާ މީހުން އެއްތަނުން އަނެއް ތަނަށް ގެންދިއުމާއި ގެއްލޭ މީހުން ހޯދުމުގެ މަސައްކަތްތަކަށް ކަމަށެވެ.

މި ހިދުމަތް ފެށުމަށްޓަކައި ހެލިކޮޕްޓަރުު އޮޕަރޭޓްކުރުމަށް ބޭނުންވާ މީހުން ހޯދުމަށް ޓްރާންސްޕޯޓުން އިއުލާނުވެސް ކުރި އެވެ. މިނިސްޓްރީން އޭރު ކުރި އިއުލާނުގައިވާ ގޮތުން މި ހިދުމަތް ރާއްޖޭގައި ދެވެނީ ރެޕިޑް މެޑިކަލް ރެސްޕޮންސްތަކަށް ހެލިކޮޕްޓަރު ބޭސްޑް އެއާ އެމްބިއުލާންސްގެ ހިދުމަތް ދޭނަމައެވެ. ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންތަކަށް ހެލިކޮޕްޓަރު ބޭނުން ކުރެވެން ޖެހޭއިރު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ކޮމާޝަލް ޕެސެންޖާ ޓްރާންސްޕޯޓް ތައާރަފު ކުރަން ޖެހޭކަމަށްވެސް މި އިއުލާނުގައިވެއެވެ.

ރާއްޖޭގައި ހެލިކޮޕްޓަރު އޮޕަރޭޝަން ފެށުމަށް ސަލާމަތާއި ރައްކާތެރިކަން ބެލުމަށްޓަކައި އެކަމުގެ އެންމެ ތަޖުރިބާ ހުރި އިނގިރޭސިވިލާތުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީ (ސީއޭއޭ) އިން ސްޓަޑީއެއް ހަދާފައިވާއިރު، ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ދޭނީ އެ އެ ސްޓްޑީޒްގައި ބުނާ މިންގަނޑުތަކަށްކަމަށް މިނިސްޓްރީއިން ވަނީ އޭރު ބުނެފަ އެވެ.

މަޖިލީހުގެ މާދާމާގެ ޖަލްސާގައި މާލޭގައި ދޭތެރެދޭތެރެއިން ނުރައްކާތެރި އެކްސިޑެންޓްތައް ހިނގައި މީހުންގެ ފުރާނަ ގެއްލެމުންދާއިރު މި އެކްސިޑެންޓްތައް މަދުކުރަން މިނިސްޓްރީން މިހާރު އެންމެ އިސްކަމެއް ދީގެން ކުރަމުން އަންނަ މަސައްކަތްތަކާ ބެހޭގޮތުންވެސް މިނިސްޓަރާ ސުވާލުކުރަން ވަނީ އެޖެންޑާ ކޮށްފަ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%