47 ވަނަ އާސިއާންގެ ސަމިޓަށް މެލޭޝިއާއަށް ވަޑައިގެންނެވި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި ޖަރުމަނުގެ އަނިޔާވެރި އެޑޮްލްފް ހިޓްލަރާއި އެއްފަދަކޮށް މުޒާހަރާ ކުރި މައްސަލައިގައި މެލޭޝިއާގެ ފުލުހުން އެ ޤައުމުގެ 64 މީހުން ހައްޔަރުކޮށްފިއެވެ.
އެމެރިކާގެ ރައީސް މެލޭޝިއާއަށް ވަޑައިގަތުމުން އޭނާ އާއި ދެކޮޅަށް އެތައް ސަތޭކަ ބަޔަކު ކުއަލަލަމްޕޫރުގެ މަގުތަކަށް ނުކުމެ މުޒާހަރާ ކުރިއެވެ. އެ މީހުން މުޒަހަރާ ކުރީ ޣައްޒާ އާއި މެދު ޓްރަމްޕް ގެންގުޅުއްވި ނުބައި ގޮތުގެ ސަބަބުން އެކަމާއި ރުޅި އައިސްގެންނެވެ.
ކުށެއް ނެތި އެތައް ހާސް ބަޔަކު ޣައްޒާގައި ޤަތުލުކޮށްލިއިރު ޒައެނިސްޓުންގެ އެ ޢަމަލުތަކަށް ހިއްވަރު ދިން ޓްރަމްޕަކީ ޖަރުމަނުގެ އެޑޮލްފް ހިޓްލަރު ފަދަ އަނިޔާވެރި ޤާތިލެއް ކަމަށް މެލޭޝިއާގައި ޓްރަމްޕާއި ދެކޮޅަށް ބޭއްވި މުޒާހަރާގައި އެ ރައްޔިތުން ސިފަކުރިއެވެ.
މެލޭޝިއާ ސަރުކާރުން ޓްރަމްޕަށް ހޫނު މަރުޙަބާއެއް ކިޔަސް ރައްޔިތުން ތިބީ ޓްރަމްޕް ދެކެ ރުޅިއައިސް “ރަތްވެފައި” ކަމަށް ޚަބަރުތައް ބުނެއެވެ.
މެލޭޝިއާގެ އެއާޕޯޓަށް އެއާފޯސް ވަން އިން ފައިބައިވަޑައިގަތުމަށް ފަހު ޓްރަމްޕަށް މަރުޙަބާ ދެންނެވުމުގެ ގޮތުން މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް އިސްކޮށް ހުންނަވައިގެން ބޭއްވި މަރުޙަބާ ކިޔުމުގެ ރަސްމިއްޔާތުގައި ޓްރަމްޕް ޑާންސް ވެސް ކުރެއްވިކަން ފާހަގަ ކުރެވެއެވެ.






