އައްޑޫ ސިޓީގެ ހިތަދޫ އާއި ހުޅުމީދޫ ގުޅާލާ ބްރިޖާ ގުޅޭ ސާވޭތައް ކުރުމާއި ފީސިބިލިޓީ ސްޓަޑީ ހެދުމާއި، ޑީޓެއިލް ޑިޒައިންގެ މަސައްކަތް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.
މި މަސައްކަތް ހަވާލުކޮށްފައިވަނީ ޗައިނާގެ ޓީވައިލިން އިންޓަޝަނަލް އިންޖިނިއަރިން ކޮންސަލްޓިން ކޮމްޕެނީ ލިމިޓެޑާ އެވެ. އެކުންފުންނަށް މަޝްރޫއު ހަވާލުކުރުމުގެ އެއްބަސްވުމުގައި މިއަދު ވަނީ ސޮއިކޮށްފަ އެވެ. ކޮންސްޓްރަކްޝަން އެންޑް ހައުސިން މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް އެވެ. އަދި ޓީވައިލިންގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޗައިނާ ބްރާންޗްގެ ޕްރެސިޑެންޓް ޗެން ޝީއޯހޫ އެވެ.
ޓީވައިލިން އަކީ ދުނިޔޭގެ އެކި ގައުމުތަކުގައި މިފަދަ މަސައްކަތްތައް ކުރިއަށްގެންދާ ތަޖުރިބާ ހުރި ކުންފުންޏެކެވެ. އެކުންފުންޏާއި މި މަސައްކަތް ހަވާލުކުރީ 1،025،000 ޑޮލަރަށެވެ. މަސައްކަތް ހަވާލުކޮށްފަވަނީ ހަ މަސް ދުވަހުން ނިންމާގޮތަށެވެ.
މިނިސްޓަރު މުއްތަލިބު ވިދާޅުވި ގޮތުގައި މި މަސައްކަތަށް ކޮންސަލްޓަންޓެއް ނަގާފައިވަނީ މާލީ ވުޒާރާގެ އުސޫލުތަކާ އެއްގޮތަށް އަދި ކަމަށް އެންމެ ޤާބިލު ކުންފުންނި ކަނޑައަޅައިގެން ކަމަށެވެ. އަދި މި މަޝްރޫއު ކުރިއަށްގެންދާނީ އައްޑުއަށް އެންމެ ފައިދާ ބޮޑުވާނެ ގޮތަށްކަމަށާއި އެގޮތުން ތިން ސްޓޭޖަކަށް ބަހާލައިގެން މަސައްކަތް ކުރިއަށްގެންދާއިރު، ރައްޔިތުންނާވެސް ބައްދަލުކޮށް މަޝްވަރާ ހޯދާނެކަމަށްވެސް ވިދާޅުވިއެވެ.
އައްޑޫ ބްރިޖްގެ ސާވޭގެ މަސައްކަތް މިދިޔަ އަހަރު މިސްރުގެ ކުންފުންޏަކާވެސް ހަވާލުކުރި އެވެ. މިކަމާ ގުޅޭގޮތުން މިނިސްޓަރު މުއްތަލިބު ވިދާޅުވީ އޭރު މަސައްކަތް ހަވާލުކުރީ ފައިނޭންސް އަދި ކޮންސްޓްރަކްޝަންވެސް ހިމެނޭގޮތަށްކަމަށެވެ. ނަމަވެސް ސާވޭ ނިންމާ، އެ ކުންފުންޏަށް ޕްރޮޕޯސަލަކާހަމައަށް އައިސް މަސައްކަތް ފެށޭވަރަށް މާލީ ކަންކަން ހަމަޖައްސާ މަސައްކަތް ކުރިއަށްގެންދެވިފައި ނުވާކަމަށެވެ. މިމަސައްކަތުގެ ކޮންސަލްޓަންސީ އެހެން ކުންފުންޏަކާ ހަވާލުކުރަންޖެހުނީ އެ ސަބަބަށްޓަކާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.






