ހުޅުމާލެ ތިންވަނަ ފިޔަވަހީގައި ބިދޭސީން ދިރިއުޅޭ ސައިޓަކުން ވަގަށްނެގި ޑޮލަރުތަކެއް ފުލުހުން ހޯދައިފި އެވެ.
ފުލުހުން ބުނީ މިދިޔަ ހުކުރު ދުވަހުގެ ރޭ ދަންވަރު 2:40 ހާއިރު ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޕެޓްރޯލުކުރަމުން ދިޔަ ފުލުހުންތަކަކަށް ބިދޭސީން ދިރިއުޅޭ ސައިޓަކުން ވައްކަންކޮށްގެން އުޅޭކަމުގެ މައުލޫމާތު ލިބުނު ކަމަށެވެ. ފުލުހުން އެ ސައިޓަށް ގޮސް މައުލޫމާތު އޮޅުންފިލުވިއިރު ދަބަހެއް ވަގަށް ނަގާފައިވާކަމާއި އެ ދަބަހުގައި 20،000 ޑޮލަރާއި އެހެނިހެން ތަކެތި ވެސް ވަގަށް ނަގާފައިވާކަމަށް މައުލޫމާތު ލިބުނުކަމަށް ބުންޏެވެ.
އަދި މި މައުލޫމާތު ލިބުމުން ފުލުހުން އެ ސަރަހައްދު ބަލައިފާސްކުރަމުން ދިޔައިރު 20،000 ޑޮލަރާއެކު އެ ދަބަހާއި ވޮލެޓުތަކަކާއި އެހެނިހެން ތަކެތި ގަސްތަކެއްގެ ތެރޭގައި ފޮރުވާފައި ހުއްޓާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި ތަކެތި މިހާރު ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށާއި މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށްވެސް ބުންޏެވެ.






