ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅެނިކޮށް، މިދިޔަ އޭޕްރީލް މަހު ކަސްޓަމްސް އިން ހިފެހެއްޓި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓް އެމްޕީއެލްގެ ހުޅުމާލެ ޕޯޓުގައި ބަހައްޓާފައި ހުއްޓާ ވަގަށް ނެގި މައްސަލައިގައި، ފަހުން ހައްޔަރުކުރި އެމްޕީއެލް ތިން މުވައްޒަފުންގެ ވަނަވަރު ފުލުހުން ހާމަކޮށްފި އެވެ.
މި މައްސަލައާ ގުޅިގެން ފަހުން ހައްޔަރުކޮށްފައިވާ ތިން މީހުންނަކީ:
- ހދ. ވައިކަރަދޫ / ނޫރަލީގެ، އަހުމަދު ޝަމީމް (42އ)
- ކ. މާލެ / ހ. ރުމޭނިއާ، އަހުމަދު ފިރުސާން (35އ)
- ސ. ހިތަދޫ / ޗާންދަނީގެ، ހުސައިން ސާމިހް (35އ)
މި ތިން މީހުންގެ ތެރެއިން ޝަމީމާއި ސާމިހް ހަތް ދުވަހަށް ބަންދުކުރަން ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. ފިރުޝާން ބަންދުކުރަން އަމުރުކުރީ ފަސް ދުވަހުގެ މުއްދަތަކަށެވެ. މި ތިން މީހުން އިއްޔެ ހައްޔަރުކޮށް، މިއަދުން ފެށިގެން އެ މުއްދަތުތަކަށް ބަންދުގައި ބައިތިއްބަން ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ މިހާތަނަށް ނުވަ މީހަކު ހައްޔަރުކޮށްފަ އެވެ. އެ މީހުންނަކީ މުހައްމަދު ވަހީދު (ދިގަލި)، އަހުމަދު އާރިފް (އާއްޓޭ)، ޒިވާރު އިސްމާއިލް، މުއާޒް އަލީ، ހަސަން އަބްދުއްރަހުމާން، އާދަމް ވަހީދުގެ އިތުރުން މިއަދު ވަނަވަރު ހާމަކުރި ތިން މީހުންނެވެ.









