ސިނގިރޭޓު ކޮންޓެއިނަރުތަކުގެ މައްސަލަ: ދިގަލި ޝަރީއަށް ނިމެންދެން ބަންދުކޮށް އިތުރު ބަޔަކު ހައްޔަރުކޮށްފި

މުހައްމަދު ޖަމްޝަތު | 41 ދުވަސް ކުރިން - 25 އޮކްޓޯބަރު 2025 20:06
ސިނގިރޭޓު ކޮންޓެއިނަރުތަކުގެ މައްސަލައިގައި އިސްކޮށް އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުން---
ސިނގިރޭޓު ކޮންޓެއިނަރުތަކުގެ މައްސަލައިގައި އިސްކޮށް އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުން---
ޚުލާސާ

މި މައްސަލާގައި މިހާތަނަށް 9 މީހަކު ވަނީ ހައްޔަރުކޮށްފަ. އެއީ އިސްކޮށް އުޅުނު 4 މީހުންނާއި އެކަމުގައި އެކި ގޮތްގޮތުން ޝާމިލުވާ ކަމުގެ ތުހުމަތުކުރެވޭ 5 މީހުން

ކަސްޓަމުން ހިފަހައްޓައި، އެމްޕީއެލްގެ ބެލުމުގައި ދަށުގައި ބަހައްޓާފައިހުރި 2 ކޮންޓެއިނާގެ ސިނގިރޭޓް ހުޅުމާލޭ ޕޯޓުން ގެއްލުނު މައްސަލައިގައި އެންމެ އިސްކޮށް އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކުރި ވިޔަފާރިވެރިޔާ، އެޕޯލޯ ހޯލްޑިންގްސްގެ ސީއީއޯ މުހައްމަދު ވަހީދު (ދިގަލި) ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން އެކި އޮޕަރޭޝަންތައް ހިންގަމުން އަންނަ އިރު އިއްޔެގެ ވަގުތެއްގައި ތުހުމަތުކުރެވޭ އިތުރު ތިން މީހަކު ހައްޔަރުކޮށްފައިުވާކަމަށް ފުލުހުން ވަނީ މިއަދު ހާމަކޮށްފަ އެވެ. އެ ތިން މީހުންނަކީ:

  1. ނޫރަލީގެ / ހދ.ވައިކަރަދޫ، އަހުމަދު ޝަހީމް (42އ)
  2. ޗާނދަނީގެ / ސ.ހިތަދޫ، ހުސައިން ސާމިހު (35އ)
  3. ހ. ރުމޭނިޔާ / މާލެ، އަހުމަދު ފިރުސާން (35އ)

ފުލުހުން ބުނީ އެ ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާަޒިރު ކުރުމުން އަހުމަދު ޝަހީމާއި ހުސައިން ސާމިހު ހަތް ދުވަހަށް ބަންދު ކުރުމަށް އަދި އަހްމަދު ފިރުސާން ފަސް ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

އަދި މި މައްސަލައިގައި ކުރިން ހައްޔަރުކުރި މުހައްމަދު ވަހީދު (ދިގަލި)ގެ ބަންދާމެދު ގޮތެއް ނިންމުމަށް ދެ ވަނަ ފަހަރަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އަމުރުކޮށްފައިވާކަމަށްވެސް ބުންޏެވެ.

މި މައްސަލައިގެ ތަހުގީގުގެ ތެރެއިން، މި މަހުގެ 19 ވަނަ ދުވަހު ތިލަފުށީގައި ހިންގި ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއްގައި ވަގަށް ނަގާފައިވާ ދެ ކޮންޓެއިނަރުގެ ބައިތައް ހޯދައިފަ އެވެ. އަދި މިހާތަނަށް ތުހުމަތުކުރެވޭ 9 މީހުން ވަނީ ހައްޔަރުކޮށްފަ އެވެ. އެއީ އިއްޔެ ހައްޔަރުކުރި ތިން މީހުންނާއި މުހައްމަދު ވަހީދު (ދިގަލި)ގެ އިތުރުން ލޮޓަސްގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) އާއި މިފްކޯގެ އިންޖިނިއަރިން އެންޑް ޕްރޮޖެކްޓްސްގެ ޖެނެރަލް މެނޭޖަރު މުއާޒު އަލީ އާއި ކަސްޓަމްސްގެ އިސް މުވައްޒަފެއް ކަމަށްވާ ޒިވާރު އިސްމާއިލްގެ އިތުރުން އެކަމަށް އެހީތެރިވިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ކ.ތުލުސްދޫ/ލިންކް، ހަސަން އަބްދުއްރަހްމާން އާއި ކޮންޓެއިނަރު އުފުލި ދޯނީގެ ކެޕްޓަން ނ. މިލަދޫ/ކެނެރީގެ، އާދަމް ވަހީދު އެވެ. މި އެންމެންވެސް ތިބީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%