ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް (ޓާމިނަލް 1) އިން ޗައިނާގެ ޗޮންޗިން އެއާލައިންސް އަށް މިއަދު ހިދުމަތްދޭން ފަށައިފި އެވެ. މި އެއާލައިނަށް ހިދުމަތްދޭން ފަށުމަށްޓަކައި ވެލާނާ އެއާޕޯޓުގައި ހާއްސަ ރަސްމިއްޔާތެއް މިއަދު ވަނީ ބާއްވާފަ އެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައިވަނީ އެމްއޭސީއެލްގެ ބޯޑު ޑިރެކްޓަރު އިބްރާހިމް މަހުދީ އެވެ. ވިލާ ޓްރެވަލްސްގެ އެއާޕޯޓު ސްޓޭޝަން މެނޭޖަރު މުހައްމަދު ފައްޔާޒުގެ އިތުރުން އެމްއޭސީއެލްގެ އިސްވެރިންނާއި އޮފިޝަލުންވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައިވެ އެވެ.
މިއަދު ރަސްމިއްޔާތުގައި ޗޮންޗިން އެއާލައިންގެ ޗެކިން ކައުންޓަރުތައް ހުޅުވައި އެ ފްލައިޓުން ދަތުރުކުރި 142 ފަސިންޖަރުންނަށް ހަދިޔާ ދީފައިވެ އެވެ. ޓާމިނަލް 1 ކައިރިކުރި އެ އެއާލައިންގެ ފުރަތަމަ މަތިންދާބޯޓު OQ2393 އިން އައި 79 ފަސިންޖަރުންނަށް ވެލާނާ އެމްއޭސީއެލް އިން ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.

ޗޮންޗިން އެއާލައިނުން މިއަދު ވަނީ 79 ފަސިންޖަރުން ރާއްޖެ އައިސްފައި. / ފޮޓޯ: އެމްއޭސީއެލް
ޗޮންޗިން އެއާލައިންސް އަކީ ޗައިނާގެ އެންމެ ބޮޑު އެއް އެއާލައިން ކަމަށްވާ ސަދަން އެއާލައިންސްގެ ދަށުން ހިންގާ އެއާލައިނެކެވެ. މި އެއާލައިންގެ ދަތުރުތައް ފަށާފައިވަނީ 2024 ވަނަ އަހަރުގެ ޖޫން 24 ގައެވެ.
މި އެއާލައިނާއެކު ޓާމިނަލް 1 އިން ހިދުމަތްދޭ އެއާލަންތަކުގެ އަދަދު މިވަނީ 12 އަށް އަރާފަ އެވެ. ވެލާނާ އެއާޕޯޓު ހިންގާ އެމްއޭސީއެލްގެ އަމާޒަކީ ރާއްޖެ އަށް ދަތުރުކުރާ ހުރިހާ އެއާލައިންތަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތް ފޯރުކޮށްދިނުމެވެ.
ޓާމިނަލް 1 ހުޅިވާފައިވަނީ މިއަަހަރު ޖުލައި މަހު 26 ގައެވެ. މި ޓާމިނަލުން އަހަރަކު ހަތް މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ އެވެ.






