"ވަލިއްޔުންގެ ދަރަޖައަށް ވާސިލުވާން ބޭނުންވާ އަޅަކު މާތް ﷲ އަށް ފުރިހަމަޔަށް އީމާންވެ އެކަލާންގެއަށް ތަގުވާވެރިވާނެ"

މުހައްމަދު ޖަމްޝަތު | 37 ދުވަސް ކުރިން - 24 އޮކްޓޯބަރު 2025 13:01
އިސްލާމީ މަރުކަޒުގައި ނަމާދުކުރުން---
އިސްލާމީ މަރުކަޒުގައި ނަމާދުކުރުން---
ޚުލާސާ

މާތް ﷲގެ ވަލިއްޔުންގެ ދަރަޖަ ނަބީބޭކަލުންނާއި ޝަހީދުންނަށް ފެނިވަޑައިގަތުމުން، އެ ބޭކަލުން އެ ދަރަޖައަށް ދަހިވެތިވެވަޑައިގަންނަވާނެ ކަމަށް ރަސޫލާ ހަދީޘްކުރައްވާފައިވޭ

މާތް ﷲގެ ވަލިއްޔުންގެ ދަރަޖައަކީ ނަބިއްޔުންނާއި ޝަހީދުން ވެސް އެ ދަރަޖައަކަށް ނުހަނު ބޮޑަށް ޝައުޤުވެރިވެވަޑައިގަންނަވާ ދަރަޖައެއް ކަމަށާއި އެ ދަރަޖައަށް ވާސިލުވާން ބޭނުންވާނަމަ މައިގަނޑު ދެ ޝަރުތެއް ފުރިހަމަވާންޖެހޭ ކަމަށް ހުކުރު ޚުތުބާގައި ބުނެފި އެވެ.

"މާތްﷲގެ ވަލިއްޔުން" މިނަމުގައި މިއަދު ދިން ޚުތުބާގައި ބުނިގޮތުން ވަލިއްޔުންގެ ދަރަޖައަށް ވާސިލުވެވޭނެ ފުރަތަމަ ޝަރުތަކީ މާތް ﷲއަށް ފުރިހަމަޔަށް އީމާންވުމާއެކު އެކަލާނގެއާ އެއްވެސް އެއްޗެއް ޝަރީކުނުކުރުމެވެ. ދެވަނަ ޝަރުތަކީ އެކަލާނގެއަށް ތަގުވާވެރިވުމެވެ. އެއީ އެކަލާންގެ އެންގެވި އެންމެހައި އަމުރުފުޅުތަކަށް ކިޔަމަންގަނެ، އެކަލާންގެ ނަހީކުރެއްވި އެންމެހައި ކަންކަމުން ދުރުހެލިވުން ކަމަށާއި މާތްﷲ ރުހިވޮޑިނުގަންނަވާ އަދި ނަހީކުރައްވައިފައިވާ ކަންތައްތަކާ ދުރުހެލިވުމަކީ، އެކަލާނގެއާ ކުއްތަންވުމުގެގޮތުން އިންސާނާއަށް ކުރެވޭނޭ އެންމެ މަތިވެރި އެއް އަމަލުކަމަށް ހުތުބާގައި ބުންޏެވެ.

ޚުތުބާގައި ބުނިގޮތުގައި މާތް ﷲގެ ވަލިއްޔުންގެ ދަރަޖައަކީ، ވަރަށް މަތިވެރި ދަރަޖައެކެވެ. އެއީ ނަބިއްޔުންނާއި ޝަހީދުން ވެސް އެ ދަރަޖައަކަށް ނުހަނު ބޮޑަށް ޝައުގުވެރިވެވަޑައިގަންނަވާ، އެ ބޭކަލުންނަށް ވެސް ލިބުމަށް އެދިވަޑައިގަންނަވާ ދަރަޖައެކެވެ.

އެގޮތުން މާތް ﷲގެ ވަލިއްޔުންނާ ބެހޭގޮތުން ނަބިއްޔާ ހަދީޘްކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ހަމަކަށަވަރުން، މާތް ﷲގެ އަޅުތަކުންގެ ތެރެއިން ބަޔަކު ވެއެވެ. އެއީ ނަބީބޭކަލުންނެއް ނޫނެވެ. އަދި ޝަހީދުންނެއްވެސް ނޫނެވެ. ގިޔާމަތްދުވަހު، މާތް ﷲގެ ހަޟްރަތުގައި ވަލިއްޔުންގެ ދަރަޖަ ނަބީބޭކަލުންނާއި ޝަހީދުންނަށް ފެނިވަޑައިގަތުމުން، އެ ބޭކަލުން އެ ދަރަޖައަށް ދަހިވެތިވެވަޑައިގަންނަވާނެ އެވެ."

"އެބައިމީހުންނަކީ، އެކަކު އަނެކަކާ ދެމެދު އެއްވެސް ގާތްތިމާގެ ގުޅުމެއް ނެތި، އެކަކު އަނެކަކަށް މުދަލެއް ދިނުމަކާ ނުލައި، އެކަކު އަނެކަކު ދެކެ މާތް ﷲ އަށްޓަކައި ލޯބިވީ މީހުންނެވެ. މާތް ﷲގަންދީ ހަދީޘްކުރައްވަމެވެ. އެބައިމީހުންގެ މޫނުތަކަކީ ނޫރުން އުޖާލާވެފައިވާ މޫނުތަކެކެވެ. އަދި އެބައިމީހުން ވާހުށީ ނޫރުންވާ މިންބަރުތަކުގަ އެވެ. މީސްތަކުން ގިޔާމަތްދުވަހުން ބިރުގަންނަހިނދު އެބައިމީހުން ބިރެއްނުގަންނާނެ އެވެ. އަދި މީސްތަކުން ހިތާމަކުރާ ހިނދު އެބައިމީހުން ހިތާމައެއްނުކުރާނެ އެވެ."

ޚުތުބާގައި ބުނީ އިސްލާމީ އުންމަތުގެ ބައެއް ގައުމުތަކުގައި ކުރާ އެންމެ ނުރައްކާތެރި އެއްކަމަކީ ސާލިހު އަޅުންނާއި، ވަލީވެރީންކަމުގައި ދެކޭ ބައެއް މީހުންގެ ގަބުރު ވަށައިގެން ރާނައި، އެ ތަނަށް ދޮންވެލިލައި، ވޮށް ދިއްލައި، ޒީނަތްތެރިކޮށް، އެ ތަންތަނަށް ނަދުރު ބުނެ، ޒިޔާރަތްކުރުން ފަދަ ކަންކަންކޮށް އުޅުން ކަމަށެވެ. މިއީ ކުރިން ރާއްޖޭގައިވެސް ކޮށް އުޅުނު ކަމެކެވެ.

އެއަށް ވުރެ ނުރައްކާތެރި ކަމަކީ، އެ ޒިޔާރަތްތަކުގައި ފަސްދާނުލެވިފައިވާ މީސްމީހުންގެ ކިބައިން ކަންކަމަށް އެދި ދެންނެވުން ކަމަށާއި އެއީ ކަނޑައެޅިގެންހުރި ޝިރުކުގެ އަމަލެއް ކަމަށް ހުތުބާގައި ފާހަގަކުރި އެވެ. އަދި މިއީ ތައުހީދުގެ އަހުލުވެރީން ކޮށްގެންވާނޭ ކަންކަމެއްނޫން ކަަމަށާއި މިފަދަ އަމަލުތަކަކީ ތައުބާނުވެ މަރުވެއްޖެނަމަ ނުފުއްސަވާނޭ ފާފައަކަށްވާއިރު މިފަދަ ޝިރުކުގެ އަމަލުތަކާ ދުރުހެލިވުމަށް ޚުތުބާގައި ވަނީ ގޮވާލާފަ އެވެ.

ޚުތުބާގައި އިތުރަށް ބުނީ މީހަކު ފަރުޟު އަޅުކަމުގެ އިތުރަށް، ސުންނަތް އަޅުކަންތަކުން މާތް ﷲއާ ކުއްތަންވެ، އެ މީހެއްގެ ގުނަވަންތައް މާތް އެކަލާންގެ އަމުރުފުޅުތަކާ އެއްގޮތަށް ކިޔަމަންކޮށް، ހަރާމްކުރެއްވި ކަންތަކުން އެއްކިބާކޮށް، އެކަލާންގެ ލޯބިވެވޮޑިގަންނަވާ ގޮތަށް އުޅުމުން، މާތް ﷲ އެ މީހަކަށް ވާގިވެރިވެވޮޑިގަންނަވާނެ ކަމަށެވެ. އަދި އެމީހެއްގެ ހާޖަތްތައް ފުއްދަވައި، އަދާވަތްތެރީންގެކިބައިން ރައްކާތެރިކޮށްދެއްވާނެ ކަމަށާއި ދުނިޔޭގައި އަމާންކަމާއި ކާމިޔާބީ ލިބުމުގެ އިތުރަށް، އާހިރަތުގައިވެސް އަމާންކަން ލިބި، ސުވަރުގެއިން މަތީ މަގާމު ލިބޭނެކަމަށްވެސް ބުންޏެވެ. އެހެންކަމުން މިއީ އަހަރެމެންގެތެރެއިން ކޮންމެ މީހަކު ވެސް ހާސިލުކުރުމަށް މަސައްކަތް ކުރަންޖެހޭ ދަރަޖައެއްކަމަށް ޚުތުބާގައި ވަނީ ބުނެފަ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%