ކްރިމިނަލް ކޯޓުގެ ޤާޒީ ފާއިޒް 60 ދުވަހަށް ސަސްޕެންޑުކޮށްފި

މުހައްމަދު ޖަމްޝަތު | 43 ދުވަސް ކުރިން - 23 އޮކްޓޯބަރު 2025 19:41
ކްރިމިނަލް ކޯޓުގެ ގާޒީ ހުސެއިން ފާއިޒް ރަޝާދު--
ކްރިމިނަލް ކޯޓުގެ ގާޒީ ހުސެއިން ފާއިޒް ރަޝާދު--
ޚުލާސާ

2021 ވަނަ އަހަރު މީސް މީޑިއާގައި ދައުރުވި އޯޑިއޯތަކަކާއި ގުޅިގެން ގާޒީ ފާއިޒް މީގެ ކުރިންވެސް 60 ދުވަހަށް ޖޭއެސްސީން ސަސްޕެންޑުކުރި

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒު ރަޝާދު ސަސްޕެންޑްކޮށްފި އެވެ.

ޖޭއެސްސީން ހާމަކޮށްފައިވާ ގޮތުގައި ގާޒީ ހުސައިން ފާއިޒު ސަސްޕެންޑުކުރީ އޭނާއާ ގުޅޭގޮތުން އެ ކޮމިޝަނުން ތަހުގީގު ކުރަމުންދާ މައްސަލައަކާއި ގުޅިގެން، މައްސަލައިގެ ބާވަތަށާއި ތަހުގީގަށް ހޯދިފައިވާ މައުލޫމާތަށް ބަލައި، ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށެވެ. އަދި ވަކި ގޮތެއް ކަނޑައަޅަންދެން ގާޒީ ފާއިޒް، ވަޒީފާއަށް ނުނިކުމެ މަޑުކުރުމަށް އިއްޔެއިން ފެށިގެން އަންގާފައިވާކަމަށް ޖޭއެސްސީން ވަނީ ހާމަކޮށްފަ އެވެ.

ނަމަވެސް މިމައްސަލައިގެ ތަފްސީލް ޖޭއެސްސީން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. ގާޒީ ފާއިޒު ސަސްޕެންޑުކުރީ 60 ދުވަހަށެވެ. އެއީ ފަނޑިޔާރަކު ސަސްޕެންޑްކުރެވޭނެ އެންމެ ދިގު މުއްދަތެވެ.

އެނގިފައިވާ ގޮތުގައި ބަންދުގެ މުައްދަތު ޖެހުމުގައި ގާޒީ ފާއިޒު އަމަލުކުރި ގޮތާ ގުޅޭގޮތުން ދެ މައްސަލައެއް ޖޭއެސްސީން ދަނީ ބަލަމުންނެވެ. އެއީ މޭރީ މަރުގެ މައްސަލާގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ހަދީޖަތު ލަމްހާގެ ބަންދާ މެދު އަމަލުކުރި ގޮތާއި ގުޅިގެން ބަލަމުންދާ މައްސަލަ އާއި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް އުޅުނުކަމަށް ދައުވާ އުފުލާފައިވާ އަލީ އަންވަރު ޝަރުތެއް ނެތި ދޫކޮށްލި މައްސަލައިގަ އެވެ. އަންވަރު ބަންދުން ދޫކޮށްލުމުން ލަންކާއަށް ދިޔަތަނާ އޭނާ ވަނީ ޑީޕޯޓުކޮށްލާފަ އެވެ. އަދި މިހާރު ހުރީ ދިވެހި ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.

މީގެ ކުރިންވެސް ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ އޯޑިއޯ ރެކޯޑިންތަކެއް ކަމަށް ބުނެ މީސްމީޑިއާގައި ދައުރުވި އޯޑިއޯތަކަކާއި ގުޅިގެން ގާޒީ ފާއިޒް 60 ދުވަހަށް ސަސްޕެންޑް ކޮށްފައިވެ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%