މީޑިއާ ކޮމިޝަނުގެ ރައީސަކަށް ފަރުޝަތު އައްޔަންކުރަން ކޮމިޓީން ފާސްކޮށްފި

މުހައްމަދު ޖަމްޝަތު | 43 ދުވަސް ކުރިން - 23 އޮކްޓޯބަރު 2025 18:10
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ ރައީސަކަށް އައްޔަންކުރަން ކޮމިޓީން ފާސްކުރި މުހައްމަދު ފަރުޝަތު--
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ ރައީސަކަށް އައްޔަންކުރަން ކޮމިޓީން ފާސްކުރި މުހައްމަދު ފަރުޝަތު--
ޚުލާސާ

މީޑިއާ ކޮމިޝަނުގެ ފުރަތަމަ ރައީސަކަށް ފަރުޝަތު އައްޔަންކުރީ އެ ކޮމިޝަނުގެ ހުރިހާ މެމްބަރުންނާއި އިންޓަވިއު ކުރުމަށްފަހު މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ އިއްތިފާގުން

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ ފުރަތަމަ ރައީސަކަށް މުހައްމަދު ފަރުޝަތު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

އެ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި މީޑިއާ ކޮމިޝަނުގެ ހަތް މެންބަރުންނާ ވެސް އިންޓަވިއު ކުރުމަށް ފަހު އެ ބައްދަލުވުުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ފާސްކުރީ އެ މަގާމަށް އެންމެ ގާބިލު ބޭފުޅަކީ ފަރުޝަތު ކަމަށެވެ. ފަރުޝަތު ވަނީ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ މެމްބަރު ކަމާއި މީޑިއާ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުވެސް އަދާކޮށްފަ އެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ގާނޫނުގެ ދަށުން މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް ރައީސަކު އައްޔަން ކުރާނީ ރައްޔިތުންގެ މަޖިލީހުންނެވެ. ރައީސަކަށް އައްޔަންކުރާނީ ކޮމިޝަނުގެ މެމްބަރުންގެ ތެރެއިން ބޭފުޅެކެވެ.

މީޑިއާ ކޮމިޝަނުގައި ތިއްބަވަނީ މަޖިލީހުން އާންމުކޮށް ހުޅުވާލައިގެން އައްޔަން ކުރި ތިން މެމްބަރުންނާއި ބްރޯޑްކާސްޓަރުންނާއި އެހެނިހެން މީޑިއާތަކުން އިންތިހާބު ކުރި ހަތަރު މެންބަރުންނެވެ.

އެގޮތުން މަޖިލީހުން އެ ކޮމިޝަނަށް އައްޔަން ކުރީ މުހައްމަދު ފަރުޝަތާއި ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ ރައީސް ސޮފާ ޝަފީގާއި އެ ކޮމިޝަންގެ ކުރީގެ މެމްބަރު އައިމިނަތު ސަރާހަތު އިއްޒަތެވެ.

ބްރޯޑްކާސްޓަރުން ތަމްސީލްކުރައްވާ ދެ މެންބަރުންގެ ގޮތުގައި އިންތިހާބުވެފައިވަނީ އަބްދުލްއަޒީޒް އިބްރާހީމާއި ޒަމްއަތު އަހުމަދު ވަހީދެވެ. އަދި އެހެނިހެން މީޑިއާތައް ތަމްސީލްކުރައްވާ މެންބަރުންގެ ގޮތުގައި އިންތިހާބުވެފައިވަނީ ސިމާހާ ނަސީމާއި ހުސައިން ސަޣީފް އެވެ.

މީޑިއާ ކޮމިޝަންގެ ރައީސް މަޖިލީހުން އައްޔަން ކުރެއްވި ނަމަވެސް ނައިބު ރައީސް އައްޔަން ކުރައްވާނީ އެ ކޮމިޝަންގެ މެންބަރުންނެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%