ފުލުހުންނަށް ހުށައެޅޭ މައްސަލަތަކާ ގުޅޭ ލިޔެކިޔުންތައް ނައްތާލެވޭ ހާލަތްތަކެއް ކަނޑައަޅައި ޕޮލިސް ރިކޯޑު ބެލެހެއްޓުމާއި ދޫކުރުމުގައި އަމަލުކުރާނެގޮތުގެ ގަވާއިދު އިސްލާހުކޮށްފި އެވެ.
ޕޮލިސް ރިކޯޑު ބެލެހެއްޓުމާއި ދޫކުރުމުގައި އަމަލުކުރާނެގޮތުގެ ގަވާއިދުގައިވާ ގޮތުން ދިވެހި ފުލުހުންގެ ހިދުމަތަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ތައްޔާރުކުރާ ލިޔެކިޔުންތަކާއި އެއްކުރާ ލިޔެކިޔުންތައް ކަނޑައެޅޭ ނިޒާމުގެ ތެރެއިން ރައްކާކޮށް ބަލަހައްޓަންޖެހެ އެވެ. އެގޮތުން ޖިނާއީ ބޮޑު ކުށެއް ނުވަތަ ޖިނާއަތުގެ ދަރަޖައިގެ ކުށް ހިމެނޭ މައްސަލަތައް އަށް އަހަރު ދުވަސް ވަންދެން ބަލަހައްޓަންޖެހޭނެ އެވެ. އަދި ޖުނަހުގެ ދަރަޖައިގެ ކުށް ހިމެނޭ މައްސަލަތައް ތިން އަހަރަށް، ދައުވާކުރަން ފޮނުވާފައިވާ މައްސަލަތައް ޝަރީއަތުން ގޮތެއް ނިމެންދެން ނުވަތަ އިސްތިއުނާފުގެ މަރުހަލާތައް ނިމެންދެން ބަލަހައްޓަންޖެހެ އެވެ.
މި ގަވާއިދުގައި ކުރިން އޮތް ގޮތުން މި މުއްދަތުތަކަށް ރައްކާތެރިކުރާ ލިޔެކިޔުން ނައްތާލެވޭނެ ހާލަތްތަކެއް ބަޔާންކޮށްފައެއް ނޯވެއެވެ.
ނަމަވެސް މިދިޔަ އަންގާރަދުވަހު ގެޒެޓުކޮށް އަމަލުކުރަންފެށި އިސްލާހުގައިވާ ގޮތުން ޖިނާއީ މައްސަލައެއްގައި ދައުވާ ނުކުރެވޭނެކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ނިންމަވައިފިނަމަ އެ ނިންމުން ނިންމި ތާރީހުން ފެށިގެން އެއް އަހަރުދުވަހުގެ ތެރޭގައި އެ މައްސަލައެއްގެ ލިޔުންތައް ނައްތައިލުމަށް، ޕޮލިސް ރިކޯޑު ބެލެހެއްޓުމުގެ ޒިންމާ ހަވާލުކޮށްފައިވާ އިދާރީ ބަހާގެ ވެރިޔާއަށް ނިންމިދާނެ އެވެ.
އަދި ތަހުގީގު ނިމިފައިވާ ޖިނާއީ މައްސަލައެއްގައި އެ މައްސަލައަކީ ޖިނާއީ ބޮޑެތި ކުށްތަކުގެ ތެރޭގައި ނުހިމެނޭ އަދި އެ މައްސަލައިގައި ދައުވާ އުފުލޭނެ މިންވަރަށް ހެކި ލިބިފައިވާ މައްސަލައަކަށް ނުވާނަމަ، އެ މައްސަލައިގެ ބާވަތަށާއި ވަށައިގެންވާ ކަންކަމަށް ރިއާޔަތްކުރާއިރު، އެފަދަ ހެއްކެއް އަލުން ލިބިދާނެކަމަށް ނުބެލެވޭކަމަށް އެ މައްސަލައެއް ތަހުގީގުކުރި ފަރާތާއި އެ ފަރާތުގެ ސުޕަވައިޒަރަށް ގަބޫލުކުރެވޭކަން ބަޔާންކޮށް ލިޔުމުން ކުރާ އެންޑޯޒްމަންޓަކަށް ބިނާކޮށް، އެ ސަބަބުގެ މައްޗަށް ރިއާޔަތްކޮށް، އެ މައްސަލައެއް ފައިލްކުރެވުނު ތާރީހުން ފެށިގެން އެއް އަހަރު ދުވަހުގެ ތެރޭގައި އެ މައްސަލައެއްގެ ލިޔުންތައް ނައްތައިލުމަށް، ޕޮލިސް ރިކޯޑު ބެލެހެއްޓުމުގެ ޒިންމާ ހަވާލުކޮށްފައިވާ އިދާރީ ބަހާގެ ވެރިޔާއަށް ނިންމިދާނެކަމަށްވެސް ވަނީ ބަޔާންކޮށްފަ އެވެ.









