ފީފާގެ ރައީސް ޖިއާނީ އިންފަޓީނޯ އާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފުޓުބޯޅަ މެޗެއް މާދަމާ ހަވީރު ބާއްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
އިންފަންޓީނޯ ރާއްޖެއަށް ވަޑައިގަންނަވަން ހަމަޖެހިފައިވަނީ މާދަމާ ހެނދުނުގެ ވަގުތެއްގަ އެވެ. މިއީ ފީފާގެ ރައީސަކު 19 އަހަރަށްފަހު ރާއްޖެ ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. އިންފަންޓީނޯގެ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރެއްވުން ތާވަލު ކުރެވިފައިވ އެވެ.
މި ޝަރަފުވެރި ފުޓްބޯޅަ މެޗު ބާއްވަން ހަމަޖެހިފައިވަނީ ގަލޮޅު ދަނޑުގައި މާދަމާ ހަވީރު ބާއްވާ އެގްޒިބިޝަނުގެ ތެރެއިންނެވެ. މި ފުޓްބޯޅަ މެޗު ބައްލަވާލެއްވުމަށާއި، ގަލޮޅު ދަނޑުގައި ބާއްވާ ހަރަކާތްތައް ބައްލަވާލެއްވުމަށް އެފްއޭމް އިން ވަނީ ވީހާ ވެސް ގިނަ ބޭފުޅުން ބައިވެރިވެވަޑައިގަތުމަށް އެދި ދައުވަތު ދީފަ އެވެ.
ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް އެފްއޭއެމް އިން ދަނީ ކުރަމުންނެވެ. އޭގެ ތެރޭގައި މި ހަފްތާގައި ބޭއްވުނު ރާއްޖޭގެ އެންމެ ގިނަ ބަޔަކު ސަޕޯޓުކުރާ ނިއުރޭޑިއަންޓާއި ވިސްޓްރީ ސްޕޯޓްސް ކުލަބުގެ މެޗު އެފްއޭއެމް އިން ވަނީ އިސްތިހާރުކުރަން ހަރަކާތްތަކެއް ބާއްވާފަ އެވެ. އަދި މީގެ އިތުރުން ދާދި ފަހުން އޭޝިއަން ކަޕުގައި ތަޖިކިސްތާނާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗު އިޝްތިހާރު ކުރުމަށް ބޮޑުތަކުރުފާނު މަގުގެ އެކި ދިމާލުތަކުގައި ގައުމީ ޓީމުގެ ކުޅުންތެރިންގެ ބެނާތައް ވަނީ ހަރުކޮށްފަ އެވެ.
މިދިޔަ އަހަރުތަކުގައި ދިވެހި ފުޓްބޯޅަ އާއި އެފްއޭއެމް އަށް ވަނީ ގިނަ ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހިފަ އެވެ. އެ އިދާރާގެ ގިނަ މައްސަލަތަކެއް ފާހަގަވެ ފީފާއިން ވަނީ އެފްއޭއެމް ނޯމަލައިޒޭޝަން ހާލަތަށް ވެސް ލައިފަ އެވެ. އަދި ދާދި ފަހުން އެފްއޭއެމްގެ ކުރީގެ ރައީސް، ބައްސާމްގެ މައްޗަށް ވަނީ އެ އިދާރާގެ ފައިސާއަށް ހިޔާނާތްތެރިވި ކަމުގެ ކުށް ސާބިތުވެ ހަތަރު އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފަ އެވެ.
އެފްއޭއެމްގެ ރައީސް ކަމަށް އަހްމަދު ތާރިގް (ޓޮމް) އިންތިހާބުވީ ނިމިދިޔަ ޖުލައި މަހުގަ އެވެ. ހުރިހާ ކުލަބުތަކެއްގެ ތާއިދާއެކު އޭނާ އިންތިހާބުވިއިރު ނައިބުންގެ ގޮތުގައި އިންތިހާބުވީ އަލީ އިބްރާހީމް (ކައްޕި) އާއި، މުޖުތަބާ ޖަލީލް (މުޖޭ)ގެ އިތުރުން މާޒިޔާގެ ސީއީއޯ ހުސައިން ޝާފިއު (ކޮކީ) އެވެ.
ފީފާގެ ރައީސް މާދަމާ ރޭ ފުރާވަޑައިގަންވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އޭނާ ވަނީ މީގެ ކުރިން ޗުއްޓީ ހޭދަކޮށްލުމަށް 2022 ވަނަ އަހަރު ވެސް ރާއްޖެ ވަޑައިގެންފަ އެވެ.
ފީފާގެ ރައީސް ކަމަށް އިންފަންޓީނޯ އިންތިހާބުވެފައިވަނީ 2016 ވަނަ އަހަރުގަ އެވެ. 2000 ވަނަ އަހަރު ޔޫއެފާގައި ވެސް އޭނާ މަސައްކަތްކޮށްފައިވާއިރު، 2004 ވަނަ އަހަރު އެ އިދާރާގެ ލީގަލް އެފެއާޒް އެން ކުލަބް ލައިސެންސިންގ ޑިވިޝަނުގެ ޑިރެކްޓަރުގެ މަގާމު ވެސް އޭނާ ވަނީ އަދާކޮށްފަ އެވެ.






