އެއްބަސްވުންތައް ބާޠިލްކޮށް ސްޕެއިނުން އިޒްރޭލަށް ދެބިލިއަން ޔޫރޯގެ ގެއްލުން ދީފި

ޢަބްދުﷲ ޖުނައިދު | 43 ދުވަސް ކުރިން - 23 އޮކްޓޯބަރު 2025 11:10
ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް - ސްޕެއިނަކީ ހުޅަނގުގެ ޤައުމުތަކުގެ ތެރެއިން އިސްރާއީލާއި އެންމެ ދެކޮޅު ޤައުމު.
ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް - ސްޕެއިނަކީ ހުޅަނގުގެ ޤައުމުތަކުގެ ތެރެއިން އިސްރާއީލާއި އެންމެ ދެކޮޅު ޤައުމު.
ޚުލާސާ

އިޒްރޭލުގެ ކުންފުނިތަކާއި އެކު ހަދާފައިވާ ބޮޑެތި އަސްކަރީ ޑީލްތައް ޣައްޒާ މައްސަލައާއި ގުޅިގެން ސްޕޭނުން ކެންސަލްކުރުމުން ޔަހޫދީ ދައުލަތަށް ދެބިލިއަން ޔޫރޯގެ ގެއްލުން ވެއްޖެ.

އިސްރާއީލާއި ގުޅުން ހުރި ކުންފުނިތަކާއެކު ހަދާފައިވާ ޑިފެންސްގެ ބޮޑެތި ކޮންޓްރެކްޓްތައް ސްޕޭނުގެ ސަރުކާރުން ބާޠިލް ކުރުމާއި ގުޅިގެން، އިސްރާއީލުގެ ހަތިޔާރުގެ ސިނާޢަތަށް ސްޕެއިނުގެ ސަބަބުން ދެބިލިއަން ޔޫރޯގެ ގެއްލުމެއް ވެއްޖެއެވެ.

މެޑްރިޑުން އިސްރާއީލުގެ ކުންފުނިތަކާއި އެކު ހަދާފައިވާ އެއްބަސްވުންތައް އުވާލަން. ނިންމީ ޔަހޫދީ ދައުލަތުން ޣައްޒާއަށް އަރައި އިންސާނިއްޔަތާއި ޚިލާފު ޖަރީމާތައް ހިންގާފައި ވާތީވެ އެކަމާއި ދެކޮޅުހެދުމުގެ ގޮތުންނެވެ. ކުށެއް ނެތް ބަޔަކަށް ޙަމަލާދީ ތަނެއް ސުންނާފަތިކޮށްލަން ސްޕެއިނުން ދެކޮޅު ހަދާ ކަމަށާއި އެފަދަ ޢަމަލުތައް ހިންގާ ބަޔަކަށް ސްޕެއިނުން ފައިސާ ދޭކަށް ބޭނުން ނުވާ ކަމަށް އެ ޤައުމުން ބުންޏެވެ.

މެޑްރިޑުން ބުނާ ގޮތުގައި އެ މީހުން މިހާރު ބޭނުންވަނީ އިސްރާއީލުގެ އަސްކަރީ ޓެކްނޮލޮޖީއަށް ބަރޯސާވުން “ސުމަކަށް” ކުޑަކުރުމަށެވެ.

ސްޕެއިނުން ކެންސަލްކުރި އެންމެ ބޮޑު އެއްބަސްވުމަކީ އިސްރާއީލުގެ ރަފައެލް އެޑްވާންސްޑް ޑިފެންސް ސިސްޓަމްސް އާއި ސްޕެއިންގެ ސަބްސިޑަރީ ކުންފުނި ޕެޕް ޓެކްނޯސް އާއެކު ހަދާފައިވާ 285 މިލިއަން ޔޫރޯގެ އެއްބަސްވުމެވެ. އެ އެއްބަސްވުމުގައި 168 ސްޕައިކް އެލްއާރު2 ލޯންޗަރާއި 1،680 އެންޓި ޓޭންކް މިސައިލް ގަތުން ހިމެނެއެވެ. ސްޕެއިނުން މިހާރު ވަނީ އެ މަޝްރޫޢު މުޅިން ހުއްޓާލާފައެވެ.

އިސްރާއީލާ ގުޅުން ހުރި އެހެން ޑިފެންސް ކުންފުންޏެއް ކަމަށްވާ އައިއެމްއައި ސިސްޓަމްސް އާއި ގުޅިފައިވާ ވަޒަން ސަޕްލައި ޑީލަކާއި ގުޅިގެން މެޑްރިޑްގެ ރައްޔިތުންގެ ފާޑުކިޔުންތަކެއް އަމާޒުވުމުން *އެ ކޮންޓްރެކްޓް ވެސް ސްޕެއިން ސަރުކާރުން މިހާރު ވަނީ ބާޠިލް ކޮށްފައެވެ. މިއީ 9 އެމްއެމްގެ ކާޓްރިޖްގެ 15 މިލިއަން ވަޒަން ހިމެނޭ އެއްބަސްވުމެކެވެ.

މީގެ އިތުރުން ވެސް 207 މިލިއަން ޔޫރޯގެ އެއްބަސްވުމަކާއި އަދިވެސް އިތުރު އެއްބަސްވުންތައް ސްޕެއިންނުން އިސްރާއީލާއި އެކު މުޅިން ހުއްޓާލާފައިވާއިރު މި ހުރިހާ ޑީލްތައް ކެންސަލް ކުރުމުގެ ސަބަބުން ޒައެނިސްޓް ސަރުކާރަށް ދެބިލިއަން ޔޫރޯގެ ގެއްލުމެއް ލިބިއްޖެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%