މާޗު މަހު ފަލަސްތީނުގެ އިސްލާމިކް ޖިހާދުގެ އަސްކަރީ ވިންގް ޤުދުސް ބްރިގޭޑްސްގެ ވަރަށް އިސް 8 ލީޑަރުން ޝަހީދު ވެއްޖެ ކަމަށް މިއަދު އައްޔަންކުރި ތަރުޖަމާނު އަބޫ ހަމްޒާ އިޢުލާން ކޮށްފިއެވެ.
ނަމަވެސް އެކަމާއި ބެހޭ ގޮތުން އެއްވެސް މަޢުލޫމާތެއް މިއަދާއި ހަމަޔަށް ރަސްމީ ސިފައިގައި ނުދީ ހުރުމަށް ފަހު، މިއަދު އެ ޖަމާޢަތުން ރަސްމީކޮށް އެކަން އިޢުލާންކުރަމުން ބުނީ މާޗު މަހުގެ 18 ވަނަ ދުވަހު އިސްރާއީލުން ދިން ނުރައްކާތެރި ވައިގެ ޙަމަލާގައި ޝަހީދުވި މީހުންގެތެރޭގައި ގިނަ ލީޑަރުން ހިމެނޭ ކަމަށެވެ.
އިސްރާއީލުން ޝަހީދުކޮށްލި އެ ޖަމާޢަތުގެ 8 ލީޑަރުންގެ ތެރޭގައި ޙަސަން އަލްނާޢިމް އަބޫ ޢަލީ އެ ޖަމާޢަތުގެ ރައީސް އިއްޞާމް އަލް ދާލިސް ވެސް ހިމެނެއެވެ.
އެ ޖަމާޢަތުގައި އޮންނަ “އައްރުކްނީ” ކައުންސިލުން ގިނަ ލީޑަރުންތައް ޝަހީދުވި ދުވަހަކީ އިސްރާއީލުން ޣައްޒާގެ 400 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލި ނުރައްކާތެރި ދުވަހެވެ.
އަބޫ ހަމްޒާ ފާހަގަކުރެއްވި ގޮތުގައި ޤުދުސް ބްރިގޭޑްސް އަކީ އޮޕަރޭޝަން އަޤްސާ ތޫފާން ފެށުނީއްސުރެ "މުހިއްމު ބައެއް" ކަމަށާއި، މި އޮޕަރޭޝަން ފެށީ "ޤުދުސް، ހުޅަނގު އައްސޭރި، ޣައްޒާ، އަދި އިސްރާއީލުން ބަންދުކޮށްފައި ތިބި މުސްލިމުންނާއި ދެކޮޅަށް ހިންގާ ޖަރީމާތަކަށް ރައްދުދީގެން" ކަމަށެވެ.
އަނެއްކޮޅުން ޙަމާސްގެ ޤައްސާމް ބްރިގޭޑުގެ ތަރުޖަމާނު އަބޫ އުބައިދާގެ ޙާލު ވެސް ވަރަށް ނާޒުކު ކަމަށް ވެއެވެ. އޭނާ ޝަހީދުވެއްޖެ ކަމުގެ އަޑުތައް އަރާފައި ވިޔަސް ޙަމާސް އާއި ގުޅުން ހުރި މަސްދަރުތަކުން ބުނަނީ އަބޫ އުބައިދާގެ ޙާލަތު ސީރިއަސް ކަމަށާއި ހަށިގަނޑުގެ ވާތުފަޅި ވަރަށް ބޮޑަށް ޒަޚަމްވެފައިވާ ކަމަށާއި ވައަތް ވެސް މަސައްކަތް ނުކުރާ ކަމަށެވެ. ނަމަވެސް މިއީ ޙަމާސް އިން ރަސްމީކޮށް ބަޔާނެއް ނެރެ ނުވަތަ އިޢުލާން ކޮށްފައިވާ ވާހަކައެއް ނޫނެވެ.






