ލ އަތޮޅުގައި މީހުން ދިރިއުޅޭ ރަށްރަށަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު، މިއަދު މާލެ ވަޑައިގަންނަވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، ލ އަތޮޅުގައި މީހުން ދިރިއުޅޭ 11 ރަށްކަމަށްވާ، އިސްދޫ، ކަލައިދޫ، ދަނބިދޫ، މާބައިދޫ، މުންޑޫ، ގަން، މާވަށް، ފޮނަދޫ، މާމެންދޫ، ހިތަދޫ، އަދި ކުނަހަންދޫއަށް ޒިޔާރަތްކުރެއްވި އެވެ. އަދި ރަށު ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ އަދި ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރަށްރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި، ރަށާއި ރައްޔިތުންގެ ހާލަތާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވެ އެވެ.
ރައީސްގެ މިދަތުރުފުޅުގައި ސަރުކާރުގެ ބައެއް މިނިސްޓަރާއި ކުންފުނިތަކުގެ ވެރިންގެ މައްޗަށް އެކުލެވޭ ވަފުދެއް ބައިވެރިވެ ވަޑައިގެންނެވި އެވެ. އެ ވަފުދުން ވަނީ، ކޮންމެ ރަށެއްގައި މިހާރު ފަށާފައިވާ އަދި ފެށުމަށް ހަމަޖެހިފައިވާ މަސައްކަތްތަކާ ގުޅޭ އަދާހަމަ މައުލޫމާތު ފޯރުކޮށްދީފަ އެވެ.
މި ދަތުރުފުޅުގައި އަތޮޅުގެ އެކި ރަށްރަށަށް އަމާޒުކުރައްވައިގެން، މަސައްކަތްތައް ފައްޓަވައި، ތަރައްގީގެ އެކި މަޝްރޫއުތަކުގެ އެއްބަސްވުންތަކުގައި ވަނީ ސޮއިކުރައްވާފަ އެވެ. އަދި ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާއި، ތައުލީމާއި، ސިއްހަތާއި، ހަށިހެޔޮކަމާއި ގުޅުންހުރި ބައެއް މަސައްކަތްތަކާއި، ބޭންކިން ހިދުމަތް ލުއިފަސޭހަކޮށްދެއްވުމާ ގުޅޭ މަޝްރޫއުތައް ވަނީ ފައްޓަވާފަ އެވެ.
މޫސުން ތަންނުދިނުމުގެ ސަބަބުން ފައްޓަވައި ދެއްވުމަށް ހަމަޖެހިފައިވާ ބައެއް މަޝްރޫއުތަކާއި އިފުތިތާހު ކުރެއްވުމަށް ހަމަޖެފައިވާ ބައެއް ކަންކަން ކެންސަލް ކުރައްވަން ޖެހިވަޑައިގެންނެވި ނަމަވެސް، އެމަނިކުފާނު ވަނީ، ވަރަށް ބޮޑު ސަމާލުކަމެއްދެއްވައިގެން، ވަރަށް އިސްކަންދެއްވައިގެން، ވަރަށް ރަނގަޅަށް އެކަންކަން ކުރިއަށްގެންގޮސް ނިންމަވައިދެއްވާނެކަމުގެ ޔަގީންކަން، ރައްޔިތުންނަށް ދެއްވާފަ އެވެ. އަދި އެކި ދާއިރާތަކުން ރަށްރަށަށް ބޭނުންވާ ތަރައްގީ ކަށަވަރުކޮށްދެއްވުމަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަންވެސް، އެމަނިކުފާނު ވަނީ ރައްޔިތުންނަށް ތަކުރާރުކޮށް ދެއްވާފަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީވެސް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރައްވައި، އަތޮޅުތަކާއި ރަށްތަކާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރައްވައި، ރައްޔިތުންގެ ގާތަށް ވަޑައިގެން ރައްޔިތުންގެ ހާލު ބެއްލެވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން އެމަނިކުފާނު ކުރެއްވި ދަތުރުފުޅެކެވެ.