ކޮރަޕްޝަން ހުއްޓުވުމަށް ދައުލަތުގެ ކުންފުނިތަކުގެ ހިއުމަން ރިސޯސް ސްޓްރަކްޗާ ސަރުކާރަށް އޯވަހޯލް ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ލަފާ ދީފިއެވެ. މި ލަފާގެ މަޤްޞަދަކީ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފުރިހަމަ ތަޙުޤީޤަކަށް މަޑުނުކޮށް، ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ މުވައްޒަފުން ވަގުތުން ވަޒީފާއިން ވަކިކުރެވޭނެ ގޮތް ހެދުން ކަމަށް މަޖިލީހުގެ ނައިބު ރައީސް އޮނަރަބަލް އަހްމަދު ނާޒިމް ވިދާޅުވިއެވެ.
މާޅިއްޔަތު ކޮމެޓީއަށް މި މައްސަލަ ހުށަހެޅުއްވި ދިއްގަރު ދާއިރާގެ މެމްބަރު ފާހަގަކުރެއްވި ގޮތުގައި މިހާރު އޮތް ނިޒާމުގައި މުވައްޒަފުންނަށް ކޮރަޕްޝަންގެ ތުހުމަތު ކުރެވުމުން ވެސް މަގާމުގައި ދެމިތިބުމުގެ ފުރުސަތު ލިބިގެންދާއިރު، އެކަމުގެ ސަބަބުން ކޮރަޕްޝަންގެ އަމަލުތަކަށް އިތުރު ފުރުސަތުތަކެއް ލިބެ އެވެ. މިއީ، ދައުލަތުގެ ވިޔަފާރިތަކުގެ ތެރޭގައި ނަޒާހަތްތެރިކަން ދެމެހެއްޓުމަށް ކުރާ މަސައްކަތަށް ބުރޫއަރާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮރަަޕްޝަނަށް ތުހުމަތުވާ މައްސަލައެއް އޭސީސީއަށް ހުށަހަޅައި ތަހުގީގަށް މުވައްޒަފެއް ހުށަހެޅޭ ހިސާބުން ކޮމިޝަނުން ސަރުކާރަށް އެކަން އެންގުމުން އެ މުވައްޒަފަކު ވަގުތުން ވަޒީފާއިން ވަކިކުރެވޭނެ ގޮތަށް ވަޒީފާގެ އޮނިގަނޑު ބަދަލު ގެންނަން ޖެހޭކަމަށް ނާޒިމް ވިދާޅުވިިއެވެ.
އެ ހުށަހެޅުމަށް ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ތާއީދު ކުރެއްވި އިރު، ކޮމިޓީގެ މެމްބަރުންގެ އިއްތިފާގުން ވަނީ އެ ލަފާ ފާސްކޮށްފަ އެވެ. ހުށަހަޅާފައިވާ ބަދަލުތަކަކީ ދައުލަތުގެ ކުންފުނިތަކުގެ ތެރޭގައި ޖަވާބުދާރީވުމާއި ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ކަށަވަރުކޮށް، އާންމު ވަސީލަތްތައް ނުބައި ބޭނުންކުރުމުން ރައްކާތެރިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ދެކެވޭ ބަދަލެއް ކަމަށް ސަރުކާރަށް ތާއީދުކުރާ މެމްބަރުން ދެކެއެވެ.









