އަންނަ އަހަރުގެ ޖެނުއަރީން ފެށިގެން އެކަނިވެރި މައިންނާއި ބަފައިންނަށް ދޭ އެލަވަންސް 3،000 ރުފިޔާއަށް ބޮޑުކުރަން ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު މިރޭ އިއުލާނު ކުރައްވައިފި އެވެ.
އެކަނިވެރިމައިންގެ އެލަވަންސް ބޮޑުކުރުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށާއި އެ އެލަވަންސް ބޮޑުކޮށް ދެއްވާނެކަން ރައީސް ވަނީ މިދިޔަ އަހަރު ވިދާޅުވެފަ އެވެ. އެކަނިވެރި މައިންނަށް މިހާރު ލިބެނީ 1،000ރ އެވެ.
އެ އެލަވަންސް އަންނަ އަހަރުން ފެށިގެން 3،000 ރުފިޔާއަށް ބޮޑުކުރަން ނިންމަވާފައިވާކަން ރައީސް އިއުލާން ކުރެއްވީ ލ.ގަމުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގަ އެވެ.
ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އަންނަ އަހަރުން ފެށިގެން އެކަނިވެރި މައިންނަށް ދޭ އެލަވަންސް ބޮޑުކުރަން ބޭނުންވާ ފައިސާ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާނެކަމަށެވެ. އެކަމަށް އަންނަ އަހަރުގެ ބަޖެޓުގައި 211 މިލިއަން ރުފިޔާ ހިމަނާފައިވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"އެކަނިވެރިމައިންގެ އެލަވަންސް މިހާރު ދޭ އަދަދަށްވުރެ ބޮޑުކޮށްދީ.ކޮންމެ ކުއްޖަކަށް 3000 ރުފިޔާއަށް އެކަނިވެރިމައިންގެ އެލަވަންސް ބޮޑުކޮށްދޭނެކަމަށް އަޅުގަނޑު ވައުދުވެފައި އޮންނާނެ. އެ ވައުދު ފުއްދުންވެސް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިފިން. އަންނަ އަހަރުގެ ބަޖެޓު ފާސްވެގެން ދިއުމުން، ޖެނުއަރީމަހުން ފެށިގެން ކޮންމެ ކުއްޖަކަށް 3000 ރުފިޔާގެ މަގުން އެލަވަންސް ބޮޑުވެގެންދާނެ" ރައީސް ވިދާޅުވިއެވެ.
މިހާރު އެކަނިވެރި މައިންނާއި ބަފައިންނަށް މަހެއްގެ މައްޗަށް ޢާއިލާއަކަށް އެންމެ ގިނަވެގެން ލިބޭނީ 10،000 ރުފިޔާއެވެ. އަދި ކޮންމެ ކުއްޖަކަށް ދޭ އިނާޔަތުގެ ނިސްބަތަކީ 1،000 ރުފިޔާއެވެ.
ރައީސް ހާމަކުރެއްވި ގޮތުގައި އެކަނިވެރި މައިންގެ އެލަވަންސް ލިބެންޖެހޭ 5،878 މީހުން އެބަތިއްބެވެ. މިއަހަރު އެކަނިވެރި މައިންނަށް 78 މިލިއަން ރުފިޔާ ދޫކޮށްފައިވާއިރު މިދިޔަ އަހަރު ދޫކުރީ 66 މިލިއަން ރުފިޔާ އެވެ.