ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމުކުރުމުގެ ވައުދު ފުއްދަވައިފި

މުހައްމަދު ޖަމްޝަތު | 2 ގަޑިއިރު ކުރިން - 21 އޮކްޓޯބަރު 2025 23:32
ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ޕޮލިސް ކޮމިޝަނަރު އިސްމާއީލް ނަވީން---ފޮޓޯ: ރައީސް އޮފީސް
ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ޕޮލިސް ކޮމިޝަނަރު އިސްމާއީލް ނަވީން---ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ފުލުހުންގެ ހިދުމަތް އެންމެ ފަހުން ފެށި ރަށަކީ ރ. ރަސްގެތީމް. އެރަށުގައި ފުލުހުންގެ ހިދުމަތް ފެށީ މިއަދު ހަވީރު.

ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުން ގާއިމުވެތިބެ ހިދުމަތްދެވޭނެ ގޮތް ހައްދަވައިދެއްވަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގަތް ވައުދު ފުއްދަވައިފި އެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުން ގާއިމުވެ ތިބެގެން ހިދުމަތް ދޭން ފެށިކަން ރައީސް އިއުލާންކުރެއްވީ ލ. ގަމުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ިމިރޭ ބޭއްވި ޖަލްސާގަ އެވެ.

ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ފުލުހުންގެ ހިދުމަތްތަކާ އަސާސީ ހިދުމަތެއްކަމަށާއި އެހެން ނަމަވެސް އެމަނިކުފާނު ވެރިކަމާ ހަވާލުވިއިރު ފުލުހުންގެ ހިދުމަތް އެއްވެސް ވަރަކަށް ނެތް 66 ރަށް އޮތްކަމަށެވެ. އަދި އެރަށްރަށުން ފުލުހުންގެ ހިދުމަތަށް ބޭނުން ޖެހޭ ކޮންމެފަހަރަކު ޖެހެނީ ކައިރި އެހެން ރަށްތަކުން ފުލުހުންގެ ޓީމްތައް ފޮނުވަންކަމަށާއި ކޮންމެ ފަދަ ކަމެއްޖެހުނަސް އެ ރަށްރަށުގެ ރައްޔިތުން އުޅެމުން އައީ އެފަދަ ހާލެއްގައި ކަމަށް ރައީސް ވިދާޅުވި އެވެ.

މި މައްސަލަ ހައްލުކުރުމަށް ރައީސް ޑރ. މުއިއްޒު ވަނީ މިއަހަރު ނިމުމުގެ ކުރިން ހުރިހާ ރަށެއްގައި ފުލުހުން ގާއިމުވެ ތިބެ އެ ހިދުމަށް ފޯރުކޮށްދިނުމަށް ވައުދުވެވަޑައިގެންފަ އެވެ.

މިރޭގެ ޖަލްސާގައި ރައީސް ވިދާޅުވީ އަހަރު ނިމުމުގެ ކުރިން އެ ވައުދު މިހާރު ފުއްދަވައިދެއްވާފައިވާ ކަމަށެވެ. އެގޮތުން ފުލުހުންގެ ހިދުމަތް ފެށި އެންމެ ފަހު ރަށަކީ ރ. ރަސްގެތީމުކަމަށް އެމަނިކުފާނު ވިދާޅުވި އެވެ

"މިއަދު ހަވީރިު 5:15 އިން ފެށިގެން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ގާއިމްވެ ތިބޭ ފުލުހުންގެ ހިދުމަތް ވަނީ ގާއިމްކޮށް ނިންްމާފައި. 5:15 ގައި ރ. އަތޮޅު ރަސްގެތީމްގައި ފުލުހުންގެ ހިދުމަތް ގާއިމް މިކުރީ. ހުރިހާ ރަށެއްގައި މި ހިދުމަތް ގާއިމް މިކުރީ ރިޔާސީ ބަޔާނުގައި މިއަހަރުގެ ފެބްރުއާރީމަހުގައި އަޅުގަނޑު އިއުލާން ކުރީ މިއަހަރު ނިންމެންވާއިރަށް އެކަން ކުރާނެކަމަށް. އޭގެ ގާގްގަޑަކަށް ދެ މަސް ކުރިން އެކަން ކޮށް މި ނިންމީ،" ރައީސް ވިދާޅުވި އެވެ.

ފުލުހުންގެ ހިދުމަތް ގާއިމުކުރުމުގެ އިތުރުން ރަށްރަށުގައި ފުލުހުންގެ އަމިއްލަ މަރުކަޒުތައް ތަރައްގީކުރުމުގެ މަސައްކަތް މިއަހަރު ތެރޭގައި ފެށުމަށް އެމަނިކުފާނު ވައުދުވެޑައިގެންނެވި އެވެ.

ރައީސް ވިދާޅުވީ ސަރުކާރު ހަވާލުވިއިރު ފުލުހުންގެ އަމިއްލަ އަިމާރާތެއްގައި ހިދުމަތް ދެމުން ދިޔައީ އެންމެ 17 ރަށުގައިކަމަށެވެ. ދެން ހުރި ރަށްތަކުގައި ހިދުމަތް ފޯރުކޮށްދެމުން ދަނީ ކައުންސިލުން ފޯރުކޯށްދޭ އިމާރާތްތައް ނުވަތަ ކުއްޔައް އިމާރާތްތައް ނަގައިގެންކަމަށާއި އޭގެ ސަބަބުން ހިދުމަތް ދިނުމަށް އެތަކެއް ދަތިތަކެއް ދިމާވެ ރައްޔިތުންނަށް އެތަކެއް ނިކަމެތިކަމެއް ލިބޭކަން ރައީސް ފާހަގަކުރެއްވި އެވެ.

ނަމަވެސް މިހާރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުލުހުންގެ މަރުކަޒުތައް ތަރައްގީކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން 63 ރަަށެއްގައި އެކަމުގެ އަމަލީ މަސައްކަތްތައް ފެށިގެން ކުރިއަށްދާކަމަށާއި 36 ރަށެއްގައި މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާއިރު ޖުމުލަ 99 ރަށުގައި ފުލުހުންގެ އަމިއްލަ އިމާރާތް ތަރައްގީކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ މިމަހުގެ ތެރޭގައި އިތުރު 39 ރަށުގައި ފުލުހުންގެ މަރުކަޒުތައް ތަރައްގީކުރުމަށް އެކި ފަރާތްތަކާ ހަވާލުކުރުމަށް ނިންމާފައިވާކަމަށެވެ. މިއާއެކު 138 ރަށުގައި ފުލުހުންގެ އިމާރާތްތައް އެޅުމުގެ މަސައްކަތްތައް ކުރިއަށްދާނެކަމަށާއި މި ދައުރު ނިމޭއިރު މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ އިމާރާތުން ހިދުމަތް ދިނުމަކީ ހާސިލުކުރައްވާނެ އަމާޒެއްކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%