މީޑިއާ ކޮމިޝަނަށް ތިން ބޭފުޅަކު އައްޔަންކުރަން މަޖިލީހުން ފާސްކޮށްފި

މުހައްމަދު ޖަމްޝަތު | 2 ގަޑިއިރު ކުރިން - 21 އޮކްޓޯބަރު 2025 16:49
މީޑިއާ ކޮމިޝަނަށް އައްޔަންކުރަން މަޖިލީހުން ފާސްކުރި ސަރާހަތު (ކ) ސޮފާ (މ) އަދި ޝަރާހަތު (ވ)---
މީޑިއާ ކޮމިޝަނަށް އައްޔަންކުރަން މަޖިލީހުން ފާސްކުރި ސަރާހަތު (ކ) ސޮފާ (މ) އަދި ޝަރާހަތު (ވ)---
ޚުލާސާ

މީޑިއާ ކޮމިޝަނުގެ މެމްބަރުންގެ ދައުރަކީ 5 އަހަރު. ނަމަވެސް މެމްބަރުން ވަކިކުރުމުގެ ބާރު ގާނޫނުގެ ދަށުން މަޖިލީހަށް ލިބެގެންވޭ

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން އައްޔަންކުރާ މެމްބަރުންގެ މަގާމަށް ތިން ބޭފުޅަކު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.

މީޑިއާ ކޮމިޝަނަށް މަޖިލީހުން އައްޔަންކުރާ ތިން މެމްބަރުންގެ މަގާމަށް 10 ބޭފުޅަކު ކުރިމަތިލެއްވި އިރު އެ އެ ބޭފުޅުންނާއި އިންޓަވިއު ކުރުމަށްފަހު ތިން ބޭފުޅަކަށް ރުހުންދޭން ފެންނަ ކަމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ. އެ ތިން ބޭފުޅުންނަކީ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ކުރީގެ މެމްބަރު އަދި މީޑިއާ ކައުންސިލްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ފަރުޝަތާއި ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ ރައީސް ސޮފާ ޝަފީގާއި އެ ކޮމިޝަންގެ ކުރީގެ މެމްބަރު އައިމިނަތު ސަރާހަތު އިއްޒަތެވެ.

އެ ތިން ބޭފުޅުންނަށް ރުހުން ދިނުމާ މެދު ގޮތެއް ނިންމަން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ވޯޓު ނަގާފަ އެވެ. އެ ވޯޓުގައި އެ ބޭފުޅުންނަށް ރުހުން ދޭން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 63 މެމްބަރުންގެ ތެރެއިން 54 މެންބަރުން އަގުލަބިއްޔަތުންނެވެ. ރުހުންދޭން ނުފެންނަ ކަމަށް އެމްޑީޕީގެ ނުވަ މެންބަރަކު ވޯޓު ދެއްވި އެވެ.

މީޑިއާ ކޮމިޝަނަށް މީޑިއާތަކުން އިންތިހާބުކުރާ ހަތަރު މެމްބަރުންގެ މަގާމަށް ދާދިފަހުން ވަނީ މެމްބަރުން އިންތިހާބުކޮށްފަ އެވެ.

އަލަށް އުފެއްދި މީޑިއާ ކޮމިޝަނަކީ ރާއްޖޭގެ މީޑިއާތައް ރެގުއިލޭޓުކޮށް ނޫސްވެރިކަމާއި ނޫސްވެރިން ހަރުދަނާކުރުމަށް ދާދިފަހުން ހެދި މީޑިއާ ރެގިއުލޭޓުކުރުމުގެ ގާނޫނުގެ ދަށުން އުފެއްދި ކޮމިޝަނެވެ. އެ ގާނޫނަށް އަމަލުކުރަން ފެށުމާއެކު ކުރިން ހިންގަމުން އައި މޯލްޑިވްސް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން ވަނީ އުވާލާފަ އެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%