2006 ވަނަ އަހަރަށްފަހު ފީފާގެ ރައީސަކު ރާއްޖެ ވަޑައިގަންނަވަނީ، ރައީސްއާ ބައްދަލުކުރައްވާނެ

ޢަބްދުﷲ ޖުނައިދު | 2 ގަޑިއިރު ކުރިން - 21 އޮކްޓޯބަރު 2025 16:56
ފީފާގެ ރައީސް އިންފަންޓީނޯ.
ފީފާގެ ރައީސް އިންފަންޓީނޯ.
ޚުލާސާ

އިންފަންޓީނޯ ރާއްޖެ ވަޑައިގަންނަވާނީ ހުކުރުދުވަހު. މީގެ ކުރިން ފީފާގެ ރައީސަކު ރާއްޖެއަށް ވަޑައިގެންނެވީ ހަމައެކަނި 2006 ގައި.

19 އަހަރަށް ފަހު، އަންނަ ހުކުރު ދުވަހު ދުނިޔޭގެ ފުޓްބޯޅަ މައި އިދާރާ، ފީފާގެ ރައީސް، ޖިއާނީ އިންފަންޓީނޯ ރާއްޖެއަށް ވަޑައިގަންނަވަން ހަމަޖެހިއްޖެ އެވެ. އިންފަންޓީނޯ ރާއްޖެ ވަޑައިގެން ރައީސް ޑރ. މުޢިއްޒުއާ ބައްދަލުކުރައްވަން ވަނީ ހަމަޖެހިފަ އެވެ.

މިއީ ރާއްޖޭގެ ފަހުގެ ޑިމޮކްރަސީގެ ހަޔާތުގައި ފީފާގެ އެންމެ އިސް ވެރިޔަކު ރާއްޖެ ވަޑައިގެން ދައުލަތުގެ އެންމެ މަތީ ވެރިޔާ އާއި ބައްދަލުކުރައްވާ ފުރަތަމަ ފަހަރެވެ. އަދި ފީފާގެ ރައީސަކު ރާއްޖެ ވަޑައިގަންނަވާ ދެވަނަ ފަހަރެވެ. މިހާތަނަށް ފީފާގެ ރައީސަކު ރާއްޖެ ވަޑައިގެންނެވި ހަމައެކަނި ފަހަރަކީ ރައީސް މައުމޫނުގެ ދުވަސްވަރު 2006 ވަނަ އަހަރުގައެވެ.

ވަޅުޖެހިފައިވާ ރާއްޖޭގެ ފުޓްބޯޅަ ދިރުވުމަށްޓަކައި ސަރުކާރުގެ ކަމާއިބެހޭ ދާއިރާއިން ކުރަމުން އަންނަ މަސައްކަތަށް ހިތްވަރު ދެއްވުމަށް އިންފަންޓީނޯ ރާއްޖެއަށް ކުރައްވާ މި ދަތުރުގައި، ސަރުކާރުން އެދިގެން، ކުޑަކުދިންނާ އެކު ކުޅިވަރު ހަރަކާތްތަކެއްގައާއި އިތުރު ހަރަކާތްތަކެއްގައި ވެސް އިންފަންޓިނޯ ބައިވެރިވުމަށް ހަމަޖެހިފަވެއެވެ.

ފާއިތުވީ 20 އަހަރުގައި މި ސަރަޙައްދުގެ ޤައުމުތަކުގެތެރެއިން ފީފާގެ ރައީސަކު އެންމެ ގިނައިން ޒިޔާރަތްކޮށްފައި ވަނީ އިންޑިއާއަށެވެ. ދެވަނަ އަށް ބަންގްލަދޭޝް އަށެވެ. އެއީ ތިންފަހަރުއެވެ.

ފީފާގެ ރައީސްގެ ޙައިސިއްޔަތުން ހުކުރު ދުވަހު ރާއްޖެ ވަޑައިގަންނަވާ އިންފަންޓިނޯ މިހާތަނަށް ދެކުނު އޭޝިއާގެ ޤައުމުތަކުގެ ތެރެއިން ވަޑައިގެންފައިވަނީ އިންޑިއާ، ބަންގްލަދޭޝް، ނޭޕާލް އަދި ސްރީލަންކާއަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%