ލ. ހުޅިމެންދޫގައި ފަސް ތަރީގެ ހޮޓެލް ސްކޫލެއް ތަރައްގީ ވެގެންދިޔުމުން މި އަތޮޅުގެ ޒުވާނުންނަށް ވަރަށް ގިނަ ފުރުސަތުތަކެއް ފަހިވެގެންދާނެ މަޝްރޫއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ ލ. މާމެންދޫ ރައްޔިތުންނާ ބައްދަލުކޮށް ދެއްކެވި ވާހަކަފުޅުގަ އެވެ.
ރައީސުލްޖުމަހޫރިއްޔާގެ މި ދަތުރުފުޅުގައި ލ. ހުޅިމެންދޫގައި ރިސޯޓަކާއެ ހޮޓެލް ސްކޫލެއް ތަރައްގީކުރުމުގެ މަސައްކަތުގައި އެމްއޭސީއެލްއާ އެކު ވަނީ ސޮއިކޮށްފަ އެވެ.
ރައީސް ވިދާޅުވީ މި މަޝްރޫއުއާ ހަވާލުކުރެވުނު އެމްއޭސިލް އަކީ މި ސިނާއަތުގައި ތަޖުރިބާހުރި ކުންފުންޏެއް ކަމަށާއި، މިހާރުވެސް ވަރަށް ކާމިޔާބުކަމާއެކު މީމު އަތޮޅުގައި މިފަދަ ސްކޫލެއް އެ ކުންފުނިން ތަރައްގީކުރަމުން އަންނަ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.
ރައީސްގެ މި ދަތުރުފުޅުގައި މާމެންދޫގެ ކައުންސިލް އިދާރާ ބިނާކޮށްދެއްވުމުގެ ގޮތުން ބިންގާ އަޅުއްވާދެއްވާފައިވެ އެވެ. އަދިސިއްހީ މަރުކަޒުގައި ލެބޯޓްރީގެ ހިދުމަތް ރަސްމީކޮށް ވަނީ އިފްތިތާހުކޮށްދެއްވާފަ އެވެ.
މީގެ އިތުރުން؛
- މާމެންދޫގެ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތުގައި ސޮއިކުރެއްވުން
- ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުން (21 ހެކްޓަރުގެ)
- މަގު ހެދުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރެއްވުން
މާމެންދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ނިމޭއިރު މޫދަށް އެރޭނެ ހާއްސަ ސަރަހައްދެއް ހިމެނޭނެ ކަމަށެވެ.
މާމެންދޫގެ ސްކޫލުގެ ތަރައްގީއަށް އަލިއަޅުވާލަމުން ރައީސް ވިދާޅުވީ ސްކޫލަށް ބޭނުންވާ މަލްޓިޕާޕޯސް ހޯލް އަންނަ އަހަރުގެ ބަޖެޓުގައި ހިމެނި ކުރިޔަށް ގެންދާނެ ކަމަށެވެ. އަދި ފުލުހުންގެ މަރުކަޒުގެ މަސައްކަތް މި އަހަރު ތެރޭގައި ފަށާނެ ކަމަށާއި، މި ރަށުގެ ކަރަންޓު މައްސަލަ ދާދި އަވަހަށް ހައްލުކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.