ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން އިސްރާއީލް ޑިފެންސް ފޯސަސް (އައިޑީއެފް) އިން ޣައްޒާގެ 40 ޕަސެންޓު ބިމުން ފެޔަށް ޖެހިގައިވާއިރު، އެ ބިމުގައި އެ މީހުން ފާހަގަކޮށްފައިވާ “ރީނދޫ ރޮނގު” ހުރަސްކުރާ ކޮންމެ މީހަކަށް ޙަމަލާދީ ޝަހީދުކުރަން ފަށައިފި ކަމަށް ބައިނަލްއަޤްވާމީ މަސްދަރުތަކުން ބުނެފިއެވެ.
އެމެރިކާ އިސްވެ އޮވެ ހެދި ހަނގުރާމަ ހުއްޓާލުމުގެ ޕްލޭނުގެ ދަށުން އިސްރާއީލުގެ އިންޖިނިއަރުން ދަނީ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ނަމުގައާއި އަދި އިސްރާއީލުން ކޮންޓްރޯލްކުރާ ޒޯންތައް ވަކިކުރުމަށް ކޮންމެ 200 މީޓަރަކުން ރީނދޫ ކުލައިގެ ބޯޑަރުލައިނެއް ފާހަގަކޮށް 3.5 މީޓަރު އުސް ކޮންކްރީޓް ފާރުތަކެއް ރާނަމުންނެވެ.
ޚަބަރުތައް ބުނާ ގޮތުގައި އެ ރޮނގާއި ކައިރިވާ ކޮންމެ މީހެއްގެ ގަޔަށް ވެސް ޒައެނިސްޓު ސިފައިން ދަނީ ބަޑިޖަހަމުންނެވެ.
ފަލަސްޠީނުގެ މަސްދަރުތަކުން ބުނާ ގޮތުގައި ޔަހޫދީން ރާނާފައިވާ މިދެންނެވި “ރޮނގުގައި” އައިޑިއެފުން ދަނީ ޑްރޯންތައް ބޭނުންކޮށްގެން ޣައްޒާ ރައްޔިތުން މޮނިޓަރ ވެސް ކުރަމުންމެވެ.
ޣައްޒާ ސަރަޙައްދުގެ އަސްލު ބިމުގެ 60 ޕަސެންޓް މިވަގުތު އިސްރާއީލުން ކޮންޓްރޯލް ކުރަމުންދާއިރު، ރައްޔިތުން ތިބީ ބިމުގެ 40 ޕަސެންޓުގައި ތާށިވެފައެވެ. ރަފަޙް އާއި ޚާން ޔޫނިސް ވެސް އޮތީ އަދިވެސް ޔަހޫދީންގެ ކޮންޓްރޯލްގެ ދަށުގައެވެ.









