މުބާރާތް ފެށުނު އިރުވެސް ޖާޒީ ބައި ނުލިބި ޓީމެއް ނަފްސާނީ ވެއްޖެ

އައިޝަތު ރުވާ ރިފްޢަތު | 3 ގަޑިއިރު ކުރިން - 20 އޮކްޓޯބަރު 2025 11:07
އއ. އުކުޅަސް. - ފޮޓޯ: މޯލްޑިވްސް ވާޗުއަލް ޓުއާ
އއ. އުކުޅަސް. - ފޮޓޯ: މޯލްޑިވްސް ވާޗުއަލް ޓުއާ
ޚުލާސާ

އެ ޓީމުން ބުނެފައިވަނީ ޖާޒީ ސެޓް ހެދުމަށް ދިނުމުން ޖާޒީތައް ލިބިފައިވަނީ އެންމެ ފަހު މެޗަށް ކަމަށާއި ޓީމަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް.

އއ. އުކުޅަހަށް ނިސްބަތްވާ "ފީރޯޒް" ނަމަކަށް ކިޔާ އަންހެން ޓީމެއް، މާލޭގައި ހުންނަ "ކިންގް ސްޕޯޓްސް" ނަމަކަށް ކިޔާ ތަނަކަށް ޖާޒީ ސެޓެއް ހަދަން ދީ މުބާރާތް ފެށި އިރުވެސް އެ ޖާޒީ ސެޓު ނުލިބި އެ ޓީމުގެ ކުޅުންތެރިން ނަފްސާނީ ވެއްޖެ އެވެ.

ޚުލާސާ އަށް މައުލޫމާތު ދެމުން ފީރޯޒްގެ މެމްބަރެއް ބުނެފައިވަނީ މި މަހުގެ 13 ވަނަ ދުވަހު އެ ކުލަބުގެ ފަރާތުން، ކިންގް ސްޕޯޓްސްއާ ވާހަކަ ދެއްކި ކަމަށާއި، މި މަހު 15 ވަނަ ދުވަހަށް ޖާޒީ ސެޓު ނިންމާލަދޭނެ ކަމަށް ބުނި ކަމަށެވެ. އަދި 16 ވަނަ ދުވަހު މުބާރާތް ފެށޭތީ އެއްދުވަސް ކުރިން ޖާޒީ ބައި ލިބޭނެ ކަމުގެ ޔަގީންކަން ފީރޯޒް ޓީމަށް ލިބިފައިވާ ކަމަށް އޭނާ ބުންޏެވެ.

ނަމަވެސް 15 ވަނަ ދުވަހުގެ ރޭގަނޑު ގުޅާފައި، ޖާޒީ ބައި އެންމެ އަވަހަށް ވެސް ލިބޭނީ 16 ވަނަ ދުވަހު ކަމަށް ކިންގްސް ސްޕޯޓްސް ގެ ފަރާތުން ވަނީ ބުނެފަ އެވެ. އެނގިފައިވާ ގޮތުގައި 16 ވަނަ ދުވަހުގެ ހަވީރު ފީރޯޒް ޓީމުގެ މެޗެއް ޝެޑިއުލް ކުރެވިފައި އޮތެވެ. އެހެންކަމުން ހެނދުނު ލޯންޗުން ކޮންމެހެން ވެސް އުކުޅަހަށް ފޮނުވުމަށް އެ ޓީމުގެ ފަރާތުން އެދިފައިވެ އެވެ. ލަސްވާން މެދުވެރިވި ސަބަބު ކިންގް ސްޕޯޓްސްގެ ބޭފުޅުން ކައިރިން އެހުމުން އެޑްވާންސްގެ ގޮތުގައި ދިން 2،805 ރުފިޔާ އަނބުރާ ރައްދުކޮށްދޭނެ ކަމަށް އެ ފަރާތުން ބުނި ކަމަށާއި، އެކަން އެގޮތަށް ވާން ނޭދުނީ އެހާ ލަސްކޮށްފައި ބުނުމުން ޖާޒީ ހަދައިދޭނެ އިތުރު ބައެއް ނުވާނެތީ ކަމަށް ފީރޯޒް ޓީމުން ބުނެފައިވެ އެވެ.

އެ ޓީމުން ބުނެފައިވާ ގޮތުގައި ބުރާސްފަތި ދުވަހުގެ ހަވީރު މެޗު އޮންނާތީ ޓީމުގެ ކުޅުންތެރިން ތިބީ ހާސްކަމެއްގެ ތެރޭގައި ކަމަށާއި ބުދަ ދުވަހުގެ ރޭ 23:30 ގައި ރ. މީދޫ އަށް ނިސްބަތްވާ ފަރާތަކުން އެ ޓީމަށް ޖާޒީ ބައެއް ބުރާސްފަތި ދުވަހުގެ ހެނދުނަށް ނިންމައި އުކުޅަހަށް ފޮނުވި ކަމަށެވެ.

ފީރޯޒް ޓީމުން ބުނެފައިވަނީ ކިންގް ސްޕޯޓްސް އިން ބުރާސްފަތި ދުވަހުގެ ހެނދުނު ލޯންޗަށް ޖާޒީ ބައި އަރުވާނެ ކަމަށް ބުނެ ނޭރުވީ "ޑެލިވަރީ ކުއްޖާ" ނެތުމުން ކަމަށެވެ. އެހެންކަމުން އެ ޓީމުގެ މާލޭގައި އުޅޭ ދެ މީހަކު ކިނގްސް ސްޕޯޓަސް އަށް ޖާޒީ ބައި ބަލާ ދިޔުމުން ނިމިފައިނުވާ ކަމަށް ބުންޏެވެ. އަދި އެދުވުގެ ހަވީރު ލޯންޗަށް އަރުވަދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ދީފައިވެ އެވެ. ނަމަވެސް ހަވީރު ގުޅުމުން ބުނެފައިވަނީ އެ ރެޔަށް ނިންމާލަދޭނެ ކަމަށެވެ. އެ ޗެޓްލޮގްތައް ފީރޯޒް ޓީމުގެ ފަރާތުން ވަނީ ޚުލާސާއަށް ލިބިފައެވެ.


"ކިންގްސް ސްޕޯޓްސްގެ ފަރާތުން ވާހަކަ ދައްކާފައިވަނީ ވަރަށް ހުތުރު ބަހުން. އެތަނުގެ އިސް ފަރާތަކަށް ގުޅުމުން އެކަމުގެ ފުރިހަމަ ޒިންމާ ނަގާނެ ކަމަށް ބުނި. އަދި އެ ދުވަހު މެޗު ނިމުނު ފަހުން އެ ތަނަށް ގުޅައި ޖާޒީ ބައިގެ ރިފަންޑަށް އެދުމުން، ކިންގްސް ސްޕޯޓްސް އަކީ ލާރި ނުލިބިގެން އުޅޭ ބައެއް ނޫން ކަމަށްބުނެ މަލާމާތްކޮށްފައިވޭ." ފީރޯޒް ޓީމުން ޚުލާސާއާ ވާހަކަ ދެއްކި ފަރާތުން ބުނެފައިވެ އެވެ.

އަދި އެ ތަނުގެ ކުރިން ދެންނެވި އިސްވެރިޔާ ފީރޯޒް ޓީމަށް ފަހުން ގުޅާފައި، މަލާމާތްކޮށް ހަޑިހުތުރު ބަހުން ވާހަކަ ދެއްކީ އާދައިގެ މުވައްޒަފެއް ކަމަށް ބުންޏެވެ. އަދި ޖާޒީ ބަޔާއި، ރިފަންޑު އަދި ގެއްލުމުގެ ބަދަލު ދޭނެ ކަމަށް އެ ފަރާތުން ބުނެފައިވާ ކަމަށާއި، ނަމަވެސް ރިފަންޑުގެ ގޮތުގައި ލިބިފައިވަނީ 600 ރުފިޔާ ކަމަށް ފީރޯޒް ޓީމުން ބުނެފައިވެ އެވެ. އެ ޓީމުން ބުނެފައިވަނީ ކުއްލި ގޮތަކަށް ޖާޒީ ހަދަން ޖެހުމުން ރ. މީދޫ އަށް ނިސްބަތްވާ ފަރާތަށް 4،093 ރުފިޔާ ދައްކަން ޖެހުނު ކަމަށާއި، އެ ގެއްލުމުގެ އިތުރުން ނަފްސާނީ ގޮތުން ވެސް އެތަކެއް ގެއްލުމެއް ލިބިފައިވާ ކަމަށެވެ. އަދި ޖާޒީ ބައި ލިބުނު އިރު އެއްބައި ޖާޒީ މަދު ކަމަށް އެ ފަރާތުން ބުނެފައިވެ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%