ކަސްޓަމްސް އިން ހިފަހައްޓާފައިހުރި ތިން މިލިއަން ސިނގިރޭޓު ނައްތާލައިފި އެވެ.
ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި 3,183,040 (ތިން މިލިއަން އެއްލައްކަ އަށްޑިހަ ތިންހާސް ސާޅީސް) ސިނގިރޭޓް ސްޓިކްސް ނައްތާލީ މިއަދު ދޫނީދޫގަ އެވެ. ކަސްޓަމްސް އިން ބުނެފައިވާގޮތުގައި އެތަކެއްޗަކީ ގާނޫނާ ގަވާއިދާ ހިލާފަށް ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސްގެ ބަލައި ފާސްކުރުމުގެ ތެރެއިން ހޯދިފައިވާ ތަކެއްޗެވެ. މި ތަކެތި ނައްތާލާފައިވަނީ ކަސްޓަމްސް އޮފިސަރުންނާއި މީޑިއާގެ ހާޒިރުގަ އެވެ.
ކަސްޓަމްސް އިން ހިފަހައްޓާފައި ހުރި ސިނގިރޭޓުތަކެއް މިއަދު ނައްތާލަނީ---ފޮޓޯ:ކަސްޓަމްސް
ކަސްޓަމްސް އިން ތިން މިލިއަން ސިނގިރޭޓު މިއަދު އަންދާލާފައިވާއިރުސައޫދީ އަރަބިއްޔާގެ ބިންލާދިން ގުރޫޕުގެ ނަމުގައި މިދިޔަ އަހަރު ރާއްޖެ އަށް ވަގަށް އެތެރެކުރަން އުޅުނު 40 ފޫޓުގެ ދެ ކޮންޓެއިނަރުގައި ހުރި 13 މިލިއަނަށް ވުރެ ގިނަ ސިނގިރެޓް ކަސްޓަމްސުން ހިފަހައްޓާފައި ވަނިކޮށް ދާދިފަހުން ވަނީ ގެއްލިފަ އެވެ.
އެ މައްސަލާގައި 12 މީހަކު ފުރުން މަނާކޮށް، އަދި ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި ރާއްޖޭގެ މަޝްހޫރު ދެ ވިޔަފާރިވެރިން ކަމަށްވާ އެޕޯލޯ ކުންފުނީގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އާއި ލޮޓަސް ފިހާރަތަކުގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) ހިމެނެ އެވެ. އަދި ކަސްޓަަމްސްގެ ކުރީގެ އޮފިސަރެއް ކަމަށްވާ މުއާޒް އަލީ އާއި ކަސްޓަމްސްގެ މުވައްޒަފެއް ކަމަށްވާ ޒިވާރު އިސްމާއިލް ވެސް އެ މައްސަލާގެ ތުހުމަތުގައި ވަނީ ހައްޔަރުކޮށްފަ އެވެ.