ހައްދުފަހަނައެޅި އިސްރާއީލުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާއި ޚިލާފުވެ، ރޭ ފަތިހުއްސުރެ މިވަގުތާއި ހަމަޔަށް ޣައްޒާގައި 35 މީހަކު ޝަހީދުކޮށްލައިފިއެވެ.
އޮކްޓޯބަރު މަހުގެ ކުރީކޮޅުން ފެށިގެން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް އޮތް ނަމަވެސް، އެއީ ދުނިޔެއަށް ދައްކައިލި ދަޅައެކެވެ. ޚަބަރުތައް ބުނާ ގޮތުގައި ފާއިތުވި 24 ގަޑިއިރުތެރޭގައި އިސްރާއީލުން ވަނީ ޣައްޒާއަށް ވަރަށް ގިނަ ވައިގެ ޙަމަލާތައް ދީފައެވެ.
އިސްރާއީލުން މިހާރު ވަނީ ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުން ވެސް ވަގުތީ ގޮތުން ހުއްޓާލާފައެވެ. މި މައްސަލައިގައި ސައޫދީ އާއި ޤަޠަރުން އެމެރިކާ އަށް ޕްރެޝަރުކުރުމުގެ ސަބަބުން މިކަން ޙައްލުކުރުމަށް އެމެރިކާއިން މިހާރު ދަނީ މަސައްކަތް ކުރަމުން ކަމަށް ނުރަސްމީ މަސްދަރުތަކުން ޚަބަރު ލިބެއެވެ.
އެމެރިކާ އިސްވެ އޮވެ ރަހީނުން ދޫކޮށްލުމަށް ޝަރުޠުކޮށް ހުށަހެޅި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ރޫޅެން ފެށީ ގައިދީން ބަދަލުކުރުމާއި ބޯޑަރު މޮނިޓަރިންގެ ޝަރުޠުތަކާއި މެދު ޚިޔާލު ތަފާތުވުންތަކެއް އުފެދިގެންނެވެ. ދެ ފަރާތުން ވެސް މިހާރު ދަނީ އެއްބަޔަކު އަނެއްބަޔަކު ކުށްވެރިކުރަމުންނެވެ.









